Monday, March 23, 2015

mainge dhauru



އިސްލާމްދީނުގައި މައިންބަފައިންގެ ދައުރު



ކީރިތި ﷲ އާދަމްގެފާނު ހެއްދެވިއެވެ. އެކަލޭގެފާނުގެ ކިބައިން އެކަލޭގެފާނުގެ ބައިވެރިޔާ ޙައްވާގެފާނު ހެއްދެވިއެވެ. އަދި އެދެކަނބަލުންގެ ކިބައިން އިންސާނީ ދަރިފަސްކޮޅު އުފެއްދެވިއެވެ. އާދެ! އިންސާނީ ނަސްލުގެ އުފެދުމާ އިތުރުވުން ދެޖިންސުގެ ގުޅުމުން ލެއްވިއެވެ. އަދި އެގުޅުން ހެޔޮގޮތުގައި ދެމިއޮތުމަށްޓަކައި ކައިވެނީގެ މަގު ޝަރުޢު ކުރެއްވިއެވެ. ދުނިޔެ ތަޢްމީރުކޮށް އުފާވެރި ދިރިއުޅުމަކަށްފަހު އިލާހީ ޙަޟްރަތަށް ރުޖޫޢަވުމަށެވެ. އިލާހީ އެންގެވުންތަކަށް ކިޔަމަންތެރިވުމުން އުޚްރަވީ ބާއްޖަވެރިކަން ޙާޞިލް ކުރުމަށެވެ.
އިންސާނުންގެ ދެޖިންސުގެ މެދުގައި ލައްވާފައިވާ ގުޅުން ސިފަކުރައްވާ ކީރިތި ޤުރުއާނުގެ އެއް އާޔަތެއްގައި ވަޙީކުރެއްވިއެވެ.
وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ (سورة الروم ٢١)
މާނައީ: ”ހަމަ ތިޔަބައިމީހުންނަށްޓަކައި ހަމަ ތިޔަބައިމީހުންގެ ނަފްސުތަކުން އަނބީން ހެއްދެވިކަމީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން ފިކުރުހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.”

ކައިވެނީގެ މަޤްޞަދު
ހަރުދަނާ ޢާއިލާއެއް ބިނާކުރުމުގައްޔާއި ދަރިން ތަރުބިއްޔަތު ކުރުމުގައި ދެމަފިރިންނާއި ޢާއިލާގެ ދަޥްރު ވަރަށް ބޮޑެވެ. ރަނގަޅު ހަރުދަނާ ދެމަފިރިއެއްގެ މެދުން މެނުވީ ރަނގަޅު ދަރިފަސްކޮޅެއް އުފެދިގެނެއް ނާންނާނެއެވެ. އެހެންކަމުން އިސްލާމްދީނުގައި ކައިވެނީގެ ކުރިން މިކަމަށް ބެލެވި ޙަޔާތުގެ ބައިވެރިޔަކު އިޚްތިޔާރުކުރުމަށް އިރުޝާދު ދެއެވެ. އަދި މިގޮތުން ބަލަންޖެހޭ ކަންތައްތަކެއްވަނީ ބަޔާންކޮށްފައެވެ. އިޚްތިޔާރު ކުރާ ބައިވެރިޔާގެ ބުރުސޫރައަށް ހަމައެކަނި ނުބެލުމަށް އިރުޝާދު ދެއެވެ.

އަލްބުޚާރީއާއި މުސްލިމްއާއި މިނޫން ބޭކަލުންވެސް އަބޫ ހުރައިރާގެފާނުގެ ކިބައިން ރިވާކުރެއްވި ހަދީޘެއްގެ މާނައިގައި ވެއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ”ހަތަރު ކަމަކަށްޓަކައި ތިބާ އަންހެނަކާ ކައިވެނިކުރަމުއެވެ. އެކަނބުލޭގެ މުދާވެރިކަމަށްޓަކައެވެ. އަދި އެކަނބުލޭގެ ޙަސަބަށްޓަކައެވެ. އަދި އެކަނބުލޭގެ ރީތިކަމަށްޓަކައެވެ. އަދި އެކަނބުލޭގެ ދީންވެރިކަމަށްޓަކައެވެ. ފަހެ ދީންވެރިޔަކު އިޚްތިޔާރުކުރުމުން ތިބާ ކާމިޔާބު ޙާޞިލްކުރާށެވެ! ތިބާއަށް ތަނަވަސްކަން މިންވަރު ކުރައްވާށިއެވެ.”

ޝައްކެއްނެތެވެ. ދީންވެރި މަންމައެއްގެ ތަރުބިއްޔަތުގައި އަދި ދީންވެރި ޢާއިލާއެއްގައި ބޮޑުވާ ކުއްޖާވާނީ ނުބައި އާދަތަކުން އެއްކިބާ ވެގެންނެވެ. ރަނގަޅު އާދަތަކާއި ސިފަތަކުން ގަހަނާއެޅި ޒީނަތްތެރިވެގެންވާ ހަރުދަނާ މީހަކަށެވެ. މައިންބަފައިންގެ ލޮލަށް ލިބޭ ފިނިކަމެއް ކަމުގައެވެ. ޢާއިލާ އަށާއި ޤަޥްމަށް ފައިދާހުރި ދަރިއަކަށެވެ.

މައިންބަފައިންގެ ލޯބި
މައިންބަފައިންގެ ހިތުގައި ދަރިންގެ މައްޗަށް ކީރިތި ﷲ ލޯބި ޖެއްސެވިއެވެ. އެލޯތްބަކީ ގަލަމަކުން ދުލަކުން ބަޔާންކުރެވޭނެ ލޯތްބެއްނޫނެވެ. މައިންބަފައިންގެ ހުރިހާވެސް އުފަލަކީ، ހިތްހަމަޖެހުމަކީ ހަރުދަނާ ޚުލްޤު ހެޔޮ ތަޢުލީމު ލިބިފައިވާ، މައިންބަފައިންގެ ހައްޤު އަދާކުރާ ބައެއްގެ މައިންބަފައިން ކަމުގައިވުމެވެ. ޝައްކެއްނެތެވެ. މައިންބަފައިން ދަރިންނަށްޓަކައި އަތްވާއި ވާރޭގައި ރެއާއިދުވާލު ބުރަ މަސައްކަތް ކުރެއެވެ. އެކުދީންނަށް ބޭނުންވާ މާއްދީ ބޭނުންތައް ފުރިހަމަކޮށް ދިނުމަށެވެ. އެކުދިންގެ މުސްތަޤްބަލް އުޖާލާ މުސްތަޤްބަލަކަށް ހެދުމަށެވެ. އެކުދިންނަށް ހިތްހަމަޖެހުން ހޯދައި ދިނުމަށެވެ. އެކުދީންނާއި އެކުގައި އުޅޭ އެހެން ކުދިންނަށް ލިބިފައިވާ ހުރިހައި ފަސޭހަތަކެއް އެކުދިންނަށް ހޯދައި ދިނުމަށެވެ. އެކުދިންގެ ބޭނުންތައް ގެއިން ތަނަވަސްނުވެގެން ބޭރަށް ނިކުމެގެން ނުދިއުމަށެވެ. މައިންބަފައިން ދަރިންނާއި މެދުގައި ކަންތައްކުރާ ގޮތަކަށް ދަރިން މައިންބަފައިންނާ ދޭތެރޭ ކަންތައް ކުރެއެވެ.
ކުޑަކުދިންނަކީ އެކުދިން އުޅޭ މާޙައުލުގައި އުޅޭ އެންމެންގެ ލޯބި ލިބިގެންވާނޭ ބައެކެވެ. ކުޑަކުދިންނަށް އޯގާވެރިވެ ރަޙުމް ނުކުރާ މީހުންނަކީ ރަޙްމާއި އޯގާވެރިކަން ނެތިވެ ގޮސްފައިވާ ބައެކެވެ. ދަރިންނަށް އޯގާވެރިވެ ލޯބިކޮށް ނުއުޅޭ މައިންބަފައިން މަދުން ނަމަވެސް ފެންނަމުންދެއެވެ. އެފަދަ މައިންނާ ބަފައިންނަކީ އެމީހުންގެ ހިތުން ރަޙްމާއި އޯގާވެރިކަން ނިގުޅައިގަނެވިފައިވާ މީހުން ކަމުގައި ބެލެވެއެވެ. ކުޑަކުދިންނަށް އޯގާވެރިވުމާއި ބޮޑެތި މީހުންނަށް އިޙްތިރާމް ކުރުމާއި މުސްކުޅިންނަށް އަޅާލުމަކީ ޤުދުރަތުން އިންސާނުންގެ ކިބައިގައި ލައްވާފައިވާ ކަމެކެވެ. އެހެނަސް ބައެއްމީހުންގެ ކިބައިން މި ސިފަ ފެންނަމުން ދާލެއް ވަރަށް ކުޑަކަމުގައި ދަންނަވަން ޖެހެއެވެ.

ކުޑަކުދިންގެ ތަރުބިއްޔަތު
ދަރިންގެ ތަރުބިއްޔަތަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު ދީނީ އަދި އަޚްލާޤީ މަސްޢޫލިއްޔަތެކެވެ. އަދި ވާޖިބެކެވެ. އެއްވެސް ހާލެއްގައި އަދި އެއްވެސް ސިފައެއްގައި ޚާއްސަކޮށް މައިންބަފައިން އާންމުކޮށް މުޖްތަމަޢަށް އެކަމުން އެއްކިބާ ނުވެވޭނެއެވެ. ޝައްކެއްނެތެއެވެ. ކުއްޖާ އުފަންވަނީ ފިޠްރަތުގެ ސާފުގޮތުގައެވެ. މިއީ ތަރުބިއްޔަތާއި އަޚްލާޤުގެ ޢިލްމުވެރިންގެ ގާތުގައި ތަސްލީމު ކުރެވިގެންވާ ކަންތައްތަކުގެ ތެރެއިން ކަމެކެވެ. ކުއްޖާ ދުނިޔެއަށް އުފަންވަނީ ތަވްޙީދުގެ އަޤީދާގެ އެބަހީ: ﷲ އެއްކައުވަންތަކަމަށް އީމާންވުމުގެ މަތީގައެވެ. ސާފުޠާހިރުކަންމަތީގައެވެ. ހޭލުންތެރި މަންމައެއްގެ ތަރުބިއްޔަތުގައި އޭނާ ތަރުބިއްޔަތު ކުރެވިއްޖެނަމައެވެ. އަދި ރަނގަޅު ޞާލިޙް، ﷲ އެއްކައުވަންތަ ކަމަށް އީމާންވާ ބައެއްގެ ތެރޭގައި ބޮޑުވަމުންދާނަމައެވެ.

ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް އެކަން އަންގަވަމުން ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. ”ކޮންމެ ކުއްޖަކުވެސް އުފަންވާނީ ފިޠްރަތުގެ ސާފު ގޮތުގައެވެ. އެކުއްޖާ ޔަހޫދީ ކުރަނީ ނުވަތަ ނަޞްރާނީ ކުރަނީ އެކުދިންގެ މައިންބަފައިންނެވެ.” އާދެ! އިތުރު އެކަލޭގެފާނުގެ މި ބަސްފުޅުން އެނގޭ ގޮތުގައި ކުއްޖާ ފިޠްރަތުގެ ސާފު ގޮތުން އެބަހީ ﷲ އެއްކައުވަންތަކަމަށް އީމާންވުމުން އެއްކިބާ ކުރަނީ މައިންބަފައިންގެ ޢަމަލުތަކުގެ ސަބަބުންނެވެ. ހަމަ އެފަދައިން އެކުއްޖަކު ފިޠްރަތުގެ ސާފު ގޮތުގައި ޤާއިމުވެ ދެމިހުންނަނީވެސް މައިންބަފައިންގެ ސަބަބުންނެވެ. އިސްލާމްދީން ލާޒިމްކުރަނީ ޅަފަތުއްސުރެ އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތު ކުރުމަށެވެ. ކުއްޖާގެ ޢުމުރާ ގުޅޭގޮތުން ދީނީ ވާޖިބުތައް އުގަންނައިދީ ވިސްނައިދީ ޢަމަލީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުވާ ހާނުވަމުން ގެންދިއުމަށެވެ. މުލްޙިދުންނާއި ޣައިރު މުސްލިމުންގެ އަތް މައްޗަށް ދޫކޮށް ނުލުމެވެ. ޅަފަތުއްސުރެ ތަރުބިއްޔަތުގައި އަހައްމިއްޔަތުކަން ދޭންޖެހޭ ދީނީ ކަންކަމަށް އިސްކަން ދިނުމެވެ.

ކަންކަމާމެދު ވިސްނައި ފިކުރުކޮށް އުޅޭ ޢުމުރަށް ދިއުމުން ޙަރާމާއި ޙަލާލުގެ ޙުކުމްތަށް އޭނާއަށް އަންގައިދިނުން:
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން އިބްނު ޖަރީރު ރިވާކުރެއްވިއެވެ. ހަމަކަށަވަރުން އެކަލޭގެފާނު ވިދާޅުވިއެވެ. ”ތިޔަބައިމީހުން ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަށް ޢަމަލުކުރާށެވެ. އަދި ﷲއަށް އުރެދުމަށް ބިރުވެތިވާށެވެ. އަދި އެކަލާނގެ އަމުރުތައް އަދާ ކުރުމަށާއި އެކަލާނގެ ނަހީ ކުރައްވާފައިވާ ކަންތައްތަކުން ދުރުވެ އެއްކިބާވުމަށް ތިޔަބައިމީހުންގެ ދަރިންނަށް އަމުރުކުރާށެވެ. ފަހެ ތިޔަބައިމީހުންނަށާއި އެމީހުންނަށް ނަރަކައިންވާ ރައްކާތެރިކަމެކެވެ.

މިކަމުގައި ފޮރުވިގެންވާ ސިއްރުތައް:
ކުއްޖާ ހެދިބޮޑުވަމުން އަންނައިރު ﷲގެ އަމުރުތަކަށް ކުއްޖާގެ ލޯ ހުޅުވެމުން ދިޔުމަށްޓަކައެވެ. އަދި އެ އަމުރުތައް އަދާ ކުރުވުމަށްޓަކައެވެ. އަދި އެކަލާނގެ ނަހީ ކުރައްވާފައިވާ ކަންތަކުން ދުރުވެގަތުމަށެވެ. އަދި އެކަންކަމަށް ތަރުބިއްޔަތު ދިނުމަށެވެ. އަދި އެކުއްޖާއަށް ކަންކަން ވިސްނައިގަތުމުގެ ފިކުރު ލިބެމުންދާން ފެށީއްސުރެ ޙަރާމާއި ޙަލާލުގެ ޙުކުމްތައް ރަނގަޅަށް ދެނެގަތުމަށެވެ. އަދި ޅަފަތުއްސުރެ އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކާއި ގުޅެމުން ދިއުމަށެވެ. ފަހެ ހަމަކަށަވަރުން އޭނާއަށް ޝަރީޢަތެއްގެ ގޮތުންނާއި މަގެއްގެ ގޮތުން އިސްލާމްދީން ފިޔަވައި އެހެން ދީނެއް އެނގިފައި ނުވުމަށެވެ.

ކުއްޖާ ޢުމުރުން 7 އަހަރުވުމުން އަޅުކަންކުރުމަށް އަމުރުކުރުން
ޢަމްރޫ ބުނުލް އާޞް ރަޟިޔަﷲ ޢަންހުމާގެ ކިބައިން އަބޫ ދާއޫދާއި ޙާކިމް ރިވާކުރެއްވިއެވެ. ހަމަކަށަވަރުން ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނު ޙަދީޘް ކުރެއްވިއެވެ.
مُرُوا أَوْلادَكُمْ بِالصَّلاةِ وَهُمْ أَبْنَاءُ سَبْعِ سِنِينَ وَاضْرِبُوهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرٍ وَفَرِّقُوا بَيْنَهُمْ فِي الْمَضَاجِعِ 
މާނައީ:”ތިޔަބައިމީހުންގެ ދަރިންނަށް އެކުދިންގެ ޢުމުރުން 7 އަހަރުވުމުން ނަމާދަށް އެކުދިންނަށް އަމުރުކުރާށެވެ. އަދި އެކުދިންގެ ޢުމުރުން 10 އަހަރުވުމުން ނަމާދު ނުކުރަނީނަމަ އެކަމުގެ މައްޗައް އެކުދިންނަށް އަދަބުދޭށެވެ. އަދި އެކުދިންގެ ތަންމަތިތައް ވަކިކުރާށެވެ.” އެބަހީ: ދެކުދިން އެއް ތަންމައްޗެއްގައި ނުނިންދަވާށެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ މި އިރުޝާދު ގެ މައްޗަށް ޤިޔާސްކޮށް ރޯދަހިފުމަށް އާދަކޮށް ހޭނުވުމުގެ ގޮތުން ބައެއް ދުވަހު ރޯދައަށް ބެހެއްޓުން އެދެވިގެންވިއެވެ. އެކުއްޖާއަށް އެކަމުގެ ޤާބިލުކަން ލިބިގެންވާނަމައެވެ. އަދި ހަމަ މިފަދައިން ބައްޕަ އަކީ ތަނަވަސްކަން ލިބިގެންވާ މީހަކު ކަމުގައިވެފައި ކުދިން ގޮވައިގެން ޙައްޖަށް ދިއުމަށް އެޅޭ ހުރަހެއް ނެތްނަމަ ޅަފަތުގައި އެކަމަށްވެސް ހާނުވައި އާދަކުރުމުގެ ގޮތުން ގޮވައިގެން ދިއުމަށް ދީނުގެ ޢިލްމުވެރިން ހިތްވަރުދެއެވެ.

މިކަމުގައި ވަންހަނާވެގެންވާ ފައިދާ:
ޅަފަތުންސުރެ މިފަދަ އަޅުކަމުގެ ޙުކުމްތައް ކުއްޖާއަށް އުގެނިގަތުމެވެ. އަދި އެކަން އަދާ ކުރުމުގެ ޤާބިލުކަން ލިބިގަތުމެވެ. އަދި ކީރިތި ﷲއަށް ކިޔަމަންތެރިކަން އަދާ ކުރުންމަތީ ތަރުބިއްޔަތު ލިބެމުންދިއުމެވެ. އެކިޔަމަންތެރިކަން އަދާކުރުން މަތީ ޤާއިމްވެ ދެމިހުރުމެވެ. އަދި އެކަލާނގެ ނިޢުމަތްތަކަށް ޝުކުރު އަދާ ކުރުމާއި އެކަލާނގެ ޙަޟްރަތަށް ކަންކަމަށް އެދި ދެންނެވުމާއި އެފަރާތަށް ޔަޤީންކަން އުފެއްދުމެވެ. އަދި އެކަލާނގެއަށް އިޢުތިމާދުކޮށް ތަޥައްކަލް ކުރުމެވެ. އަދި އެކަލާނގެ ޙަޟްރަތަށް ކަންކަމަށް އެދި ދެންނެވުމެވެ. އަދި އެއަޅުކަމުން ރޫޙު ޠާހިރު ކުރުމެވެ. އަދި ތިމާގެ ޞިއްޙަތު ރައްކާތެރިކޮށް ހަށިގަނޑަށް ހީވާގިކަމާއި މުރާލިކަން ލިއްބައިދިނުމެވެ. އަޚްލާޤު ތަހްޒީބުކޮށް ޒީނަތްތެރި ކުރުމެވެ. ބަހާއި ޢަމަލު އިޞްލާޙުކޮށް އުނި ސިފަތަކުން ދުރުވުމެވެ.

ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްއަށާއި، އަހުލުބައިތުންނަށާއި ކީރިތި ޤުރުއާން ތިލާވަތުކުރުމަށް ލޯބި ޖައްސައި އެކަމަށް ތަރުބިއްޔަތު ކުރުން:
ޢަލީ ރަޟިޔަﷲ ޢަންހު ގެ ކިބައިން އައްޠަބްރާނީ ރިވާކުރެއްވިއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވިއެވެ. ”ތިންކަމެއްގެ މައްޗައް ތިޔަބައިމީހުންގެ ދަރިންނަށް އަދަބު ދަސްކޮށްދޭށެވެ. ތިޔބައިމީހުންގެ ނަބިއްޔާއަށް ލޯބިކުރުމަށެވެ. އެކަލޭގެފާނުގެ އަހުލުބައިތުންނަށް ލޯބި ކުރުމަށެވެ. އަދި ކީރިތި ޤުރުއާން ކިޔެވުމަށެވެ. ފަހެ ހަމަކަށަވަރުން ކީރިތި ޤުރުއާން ހިތުދަސްކޮށްގެން ވާމީހާވާނީ ﷲގެ ޢަރުޝީގެ ހިޔަލުގައެވެ. އެ ޢަރުޝީގެ ހިޔާވަހިކަން މެނުވީ އެހެން ހިޔާވެހިކަމެއްނުވާ ދުވަހުގައެވެ. އެކަލާނގެ ނަބީންނާއި އެކަލާނގެ އަޞްފިޔާއުންނާއި އެކުގައެވެ.”

ކީރިތި ޤުރުއާން ދަރިންނަށް އުގަންނައިދިނުން ވާޖިބުވެގެން ވުމާމެދުގައްޔާއި އަދި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ކުރެއްވި ހަނގުރާމަތަކުގެ ވާހަކަ އާއި އިސްލާމީ އަބްޠާލުންގެ ވާހަކަ ކިޔައިދިނުމާއި މެދުގައި އިސްލާމީ ތަރުބިއްޔަތުގެ ޢިލްމުވެރިން ވިދާޅުވެފައިވާ ވިދާޅުވުން ތިޔަބައިމީހުންނަށް ކުރުގޮތަކަށް ގެނެސްދެމެވެ. ސަޢުދު ބުނި އަބީ ވައްޤާސް ރަޟިޔަﷲ ޢަންހު ވިދާޅުވެއެވެ. ”ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ކުރެއްވި ހަނގުރާމަތަކުގެ ވާހަކަތައް ތިމަންގެ ދަރިންނަށް ކީރިތި ޤުރުއާންގެ ސޫރަތްތައް ދަސްކޮށްދޭ ފަދައިން އެކުދިންނަށް އުގަންނައި ދެމެވެ.”

އަލް އިމާމުލް ޣަޒާލީ އެކަލޭގެފާނު ލިޔުއްވެވި އަލްޙިއްޔާއޭ ކިޔުނު ފޮތުގައި ވަޞިއްޔަތް ކުރެއްވިއެވެ. ”ކީރިތި ޤުރުއާން ކުޑަކުދިންނަށް އުގަންނައިދީ އެޤުރުއާނުގެ ތަޢުލީމުދީ އުގަންނައިދޭށެވެ. އަދި ހެޔޮލަފާ ޞާލިހުންގެ ވާހަކަވެސް މެއެވެ. އަދި އެޤުރުއާނުގައިވާ ބައެއް ދީނީ ޙުކުމްތައް ވެސްމެއެވެ.”

އިބްނު ޚަލްދޫންގެ މުޤައްދިމާގައި ކުޑަކުދިންނަށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދީ އެޤުރުއާނުގެ ޢިލްމު އުގަންނައި ދިނުމުގެ އަހައްމިއްޔަތުގެ މައްޗަށް އިޝާރާތް ކުރައްވައި މިގޮތަށް ވިދާޅުވެފައިވެއެވެ. ”ކީރިތި ޤުރުއާނުގެ ތަޢުލީމަކީ އިސްލާމީ ހުރިހައި ޤަވްމުތަކެއްގައި ތަޢުލީމުގެ ހުރިހާ މަރުޙަލާތަކެއްގެ ބިންގާކަމުގައި ވާންވާނޭ ކަމުގައި ބަޔާންކުރެއްވިއެވެ. އެއީ ދީނުގެ ޢަޤީދާ ހަރުދަނާވެ އީމާންކަން ރާސިޚްވެ ސާބިތުކޮށްދޭ ދީނުގެ ޝިޢާރުތަކުގެ ތެރެއިން އެންމެ އިސް އެންމެ މުޤައްދަސް ޝިޢާރުކަމުގައިވާތީއެވެ.”

އިބްނު ސީނާގެ އައްސިޔާސަތު މިފޮތުގައި ކުޑަކުދިންނަށް ދީނުގެ ޢިލްމު އުގަންނައިދިނުން ތަޢުލީމުގެ ފެށުން ކަމުގައި ހެދުމަށް ނަސޭޙަތްތެރި ވެވަޑައިގެންފައި ވެއެވެ. އޭނާ ވިދާޅުވެފައިވެއެވެ. ”އެކަމުން އީމާންކަން ރާސިޚްވެއެވެ. އަދި އުނގެނުމަށް ކުއްޖާގެ ހަށިގަނޑާއި ބުއްދި ތައްޔާރުވެއެވެ. އެކަމުގެ ޤާބިލުކަން ކުއްޖާއަށް ލިއްބައިދެއެވެ.”

މުސްލިމުންގެ އަސްލާފުން އެބައިމީހުންގެ ދަރިން މުރައްބީއަކާއި ހަވާލުކުރާއިރު އޭނާގެ ކިބައިން ފުރަތަމަ އެދޭކަމަކީ އެކުއްޖާއަށް ކީރިތި ޤުރުއާނުގެ ޢިލްމު އުނގަންނައި ދިނުމެވެ. އަދި އެކުދިންނަށް އެ ޤުރުއާން ކިޔަވައި ދިނުމެވެ. އަދި އެކުދިންނަށް އެ ޤުރުއާން ދަސްކޮށްދިނުމެވެ. އެކަމުން އެކުދިންގެ ދޫހޭނި އެކުދިންގެ ރޫޙުތައް މަތިވެރިވެއެވެ. އަދި އެކުދިންގެ ހިތްތަކުގައި ﷲއަށް ބިރުވެތކަން އުފައްދައެވެ. އަދި ލޮލުން ކަރުނަ އޮހޮރުވައެވެ. އެކުދިންގެ ހިތްތަކުގައި ﷲއަށާއި އާޙިރަތް ދުވަހަށް އީމާންވުން އިތުރުވެ ޔަޤީންކަން ރާސިޚްވެއެވެ.

މުރައްބީންނަށް އެކަށީގެންވަނީ މި ބަޔާންވެދިޔަ އަދަބުތަކާއި އެއްގޮތް ވާގޮތުގެމަތީން ކުދިންގެ ތަޢުލީމުގެ ބިންގާ އަޅައިދީ ތަޢުލީމުގެ ހަރުފަތްތައް ގިރާކުރުވަމުން ގެންދިއުމުގައި އެހީތެރިވެދިމުނެވެ. އެކުދިން ދިނާއި ދުރުވުމުން ރައްކާތެރިކުރުމެވެ. އެކުދިންގެ އިސްލާމީ ޢަޤީދާ ވަރުގަދަ ކުރެމެވެ. ޝައްކެއްނެތެވެ. ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިޠްރަތުގެ ސާފު ގޮތުގައެވެ. ހޭލުންތެރި ޞާލިހު ތަޤްވާވެރި ޢާއިލާއެއްގެ ތެރޭގައި އެފަދަ މާޙަޥްލެއްގައި ބޮޑުވަމުން އަންނަ ކުއްޖާ ބޮޑުވަމުން އަންނާނީ އެ ފިޠްރަތުގެ ސާފު ކަންމަތީގައެވެ. އާދެ! މި ފިޠްރަތަށް ކީރިތި ޤުރުއާނުގައި އޝާރާތްކުރައްވައި ވަޙީކުރައްވާފައިވެއެވެ.
فِطْرَةَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا لَا تَبْدِيلَ لِخَلْقِ اللَّهِ (سورة الروم ٣٠)
މީސްތަކުން އެ ފިޠްރަތެއްގެ މަތީގައި ކީރިތި ﷲ ހެއްދެވި ފިޠްރަތެއްގެ މަތީގައި ކީރިތި ﷲ ހެއްދެވި ފިޠްރަތު (ދަންނައެވެ.) ﷲގެ ހެއްދެވުމަށް ބަދަލެއްނުވެއެވެ. ”ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޡް ކުރެއްވިއެވެ.
” كُلُّ مَوْلُودٍ يُولَدُ عَلَى الْفِطْرَةِ فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يُمَجِّسَانِهِ ” ( رواه البخاري عن ‏ ‏أبي هريرة ‏ ‏رضي الله عنه)
މާނައަކީ: ”ކޮންމެ ކުއްޖަކު އުފަންވަނީ ފިޠްރަތުގެ ސާފު ގޮތުގައެވެ. ފަހެ އޭނާ ޔަހޫދީ ނުވަތަ ނަޞާރާ ނުވަތަ މަޖޫސީ ކުރަނީ އޭނާގެ މައިންބަފައިންނެވެ.”

ޝައްކެތްނެތެވެ. ދަރިންނަކީ މައިންބަފައިނާ ހަވާލުވެގެންވާ ވަރަށް ބޮޑު އަމާނާތެކެވެ. އެއަމާނާތަށް ރައްކާތެރިވުމަކީ ހެޔޮ ރަނގަޅު ގޮތުގައި އޭނާ ތަރުބިއްޔަތު ކުރުމެވެ. އޭނާގެ ހިތަކީ ސާފުޠާހިރު ވެގެންވާ އަގުބޮޑު ޖަޥްހަރެކެވެ. މައިންބަފައިން އެދޭގޮތަކަށް އޭނާ ތަރުބިއްޔަތު ވެއެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އޭނާ އަށް ފަހިވަމުންދާގޮތުގައި މައިންބަފައިންނަށް އޭނާ ތަރުބިއްޔަތު ކުރެވޭނެއެވެ. ނުބައި ކަންކަމުން އެއްކިބާވެގެންވާ މާތް ރީތި އަދަބުތަކުން ގަހަނާ ވެގެންވާ ކުއްޖަކަށް ހެދޭނެއެވެ. އެހެންކަމުން މައިންބަފައިން މިކަންކަމަށް ހިޔާލު ނުކޮށް ދޫކޮށްލައިފިނަމަ ނުރަނގަޅު އާދަތައް ހިފެވި ނުބައިކަންކަމުގެ ފަރާތައް ލެނބި ހެޔޮނުބައި ވަކިކޮށް ނުގަނެވޭނޭ ވަލުޖަނަވާރަކަށް ވުރެ ދަށު ދަރަޖައަށްވެސް ހިނގައިދާނެއެވެ.

ޅަފަތުގެ ތަރުބިއްޔަތު ޣައިރު މުސްލިމުންގެ އަތްމައްޗަށް ދޫކޮށްލެވިއްޖެއްޔާ ކުއްޖާ ބޮޑުވާނީ އެބަޔަކުގެ ގޮތުގައެވެ. އެހެންކަމުން ”ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ އިސްވެދިޔަ ޙަދީޘްގައި އެކަމުގެ ޒިންމާ މައިންބަފައިންގެ ކޮނޑުގައި އެޅުއްވިއެވެ. އާދެ! އެފަދަ ހާލުގައި ކުއްޖާ ބޮޑުވާނީ މުލްޙިދެއްގެ ގޮތުގައެވެ، ނުވަތަ އެމީހުންގެ ޢަޤީދާއަށާއި އާދަކާދަތަކަށް ލެނބިގެންވާގޮތުގައެވެ. އިސްލާމްދީނަށް ނަފުރަތްތެރިވާ މީހެއްގެ ގޮތުގައެވެ.

Monday, March 2, 2015

Ginairu isheedhegen thibumun libey gehlun

މާގިނައިރު އިށީނދެގެން އިނުމުން ލިބޭ ގެއްލުންތައް




މޭޒު ކައިރީގައި ގިނަ ވަގުތު އިށީނދެގެން ތިބުމަކީ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ސިއްހަތަށް ލިބޭ ކަމެއް ކަމަށް ސައިންސްވެރިން ވިދާޅުވޭ

މާގިނައިރު އެއްތަނެއްގައި ނުތެދުވެ އިނުމަކީ އުމުރު ކުރުވާ ކަމެއްކަން އެނގޭ ހެއްޔެވެ؟ 


ސައިންސްވެރިން ވިދާޅުވަނީ މާގިނައިރު އޮފީހުގެ މޭޒު ކައިރީގައި ތިބޭ މީހުންނަށް ހިތުގެ ބަލީގެ ނުރައްކާ ވަރަށް ބޮޑު ކަމަށެވެ.


އަބަދު ކަހަލަ ގޮތަކަށް އޮފީހުގައި ބުރަ މަސައްކަތުގައި ގޮނޑިން ތެދުވެލާނެ ވަގުތެއް ވެސް ނުވެ އެތައް ގަޑިއިރެއް ހޭދަކޮށްލާ މީހުން އުޅެ އެވެ. މިފަދަ މީހުންގެ ސިކުނޑީގެ ސިއްހަތަށް ވެސް ގެއްލުންވެ ނަފްސާނީ މައްސަލަތައް ކުރިމަތިވެ އެވެ. 


މާގިނައިރު ގޮނޑީގައި ނުތެދުވެ ތިބޭ މީހުންނަށް ނުކުޅެދޭ ފަދަ މައްސަލަތައް ދިވުމާއި ސިއްހަތަށް ނުރައްކާ ވުން ވެސް ވަރަށް ގާތެވެ.


ދިރާސާތަކުން ދައްކާ ގޮތުގައި ހަށިގަނޑު ހަރަކާތްކުރުން މަދު ވަޒީފާތަކުގައި އުޅޭ މީހުންނަށް ކޮލޯން ކެންސަރު ޖެހުމުގެ ނުރައްކާ ދެ ގުނައަށް އިތުރެވެ. 



މާގިނައިރު އިށީނދެ އިނުމުން ހަމައެކަނި ސިއްހަތަށް ބޮޑެތި ގެއްލުންތައް ވަނީކީ ނޫނެވެ. ގަވާއިދުން ކަސްރަތު ކުރިޔަސް އެ ގެއްލުން ފޫބެއްދޭނެ ގޮތް ވެސް ނުވަނީ އެވެ. 
މިގޮތަށް ގޮނޑީގައި ގިނަ ވަގުތު އިށީނދެ އިނދެގެން ވަޒީފާ އަދާކުރާ މީހުންނާ ގުޅުން ހުރި ސިއްހީ ބޮޑެތި 24 މައްސަލައެއް ތަޖުރިބާކާރުން ވަނީ ހޯއްދަވާފަ އެވެ. 


ތިރީގައި މިވަނީ ގިނަ ވަގުތު ގޮނޑީގައި އިށީނދެ އިންނަ މީހުންގެ ސިއްހަތަށް ދިމާވެދާނެ ބައެއް ކަހަލަ ނުރައްކާތަކެވެ.



ކޮލެސްޓްރޯލް މައްޗަށް ދިއުން
ގޮނޑީގައި ގިނަ ވަގުތު މަސައްކަތް ކުރަން ތިބޭ މީހުން މިގޮތަށް އަހަރެއްހާ ދުވަހު ތިބޭއިރަށް އެމީހުންގެ ކޮލެސްޓްރޯލް ލެވެލް މައްޗަށް މަޑުމަޑުން މައްޗަށް ދާކަން ފާހަގަ ކުރެވޭނެ އެވެ. އިށީނދެގެން އިންނަ ވަގުތު ގިނަވާ މިންވަރަށް ކޮލެސްޓްރޯލް ވެސް މަތިވަމުން ދެއެވެ. މާގިނައިރު މިގޮތަށް ތިބުމުން އިންސިއުލިން ސެންސިޓިވިޓީ ވެސް ދަށްވެ އެވެ.



މާބޮޑަށް ފަލަވުން
ދުންފަތުގެ އިސްތިއުމާލުކުރުމުން ހިތުގެ ބަލި
މަސްތަކުގައި ހުންނަ ސަރުބީތައް ވިރޭނީ ވަރަށް ކުޑަކޮށެވެ. އަދި ހަށިގަނޑުގައި ލޭ ދައުރުވުމަށް ވެސް ހުރަސްތައް ކުރިމަތިވެ އެވެ. މިކަމުގެ ސަބަބުން ފެޓީ އެސިޑްތައް ހިތަށް ޖަމާވެ އެވެ. ހިތުގެ ތަފާތު ގިނަ ބަލިތައް ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ހެލިފެލިވެ ނޫޅޭ ދިރިއުޅުން އުޅޭ މީހުންނަށެވެ.



ކެންސަރު
ހަށިގަނޑުގެ ހަރަކާތްތައް ކުޑަވުމުން ހިތުގެ ބައްޔާއި ކެންސަރު ޖެހިގެން މަރުވުމުގެ ނުރައްކާ އިތުރުވެ އެވެ. މިފަދަ މީހުންނަށް އުރަމަތީ ކެންސަރާއި އޯވަރީ ކެންސަރު ޖެހުމުގެ ފުރުސަތު މާ ބޮޑަށް އިތުރެވެ.



ހަކުރުބަލި
މާގިނައިރު މޭޒު ކައިރީގައި ތިބޭ މީހުންގެ ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރު އެއް ވަރެއްގައި ހިފެހެއްޓުމުގެ ގާބިލްކަން ކުޑަ ވެއެވެ. ހަކަތަ އިތުރުކުރުމަށްޓަކައި ލޭގައި ހުންނަ ގުލްކޯޒް، ސެލްތަކަށް ގެންގޮސްދިނުމުގެ މަސައްކަތްކުރާ ހޯމޯން އިންސިއުލިންގެ އަސަރު މިކަމުގެ ސަބަބުން ދަށަށް ދެއެވެ.
 ގެއްލުން ލިބޭ ގޮތަށް މާގިނައިރު އިށީނދެގެން އިނުމުން ވެސް އެވަރުގެ ބޮޑު ގެއްލުމެއް ވެއެވެ. ހަށިގަނޑުގެ ހުރިހާ މަސްތަކެއްގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ނުހިފި ގިނަ ވަގުތުތަކެއް ދާތީ މީހާގެ ހަކަތަ ދަށް ވެ އެވެ. އަދި ކެލޮރީ އަނދަނީ ވެސް ވަރަށް 
މަދުންނެވެ.
ސިކުނޑީގެ މަސައްކަތް ދަށްވުން

ތާޒާ ލެޔާއި އޮކްސިޖަން ސިކުނޑިއަށް ޕަމްްޕް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ ހަށިގަނޑުގައި ހުންނަ މަސްތަކެވެ. މިގޮތަށް ސިކުނޑިއަށް ލެޔާއި 
މައިބަދައަށް ތަދުވުން
މައިބަދަ ހަރަކާތް ނުކުރާނަމަ ގެއްލުން ލިބުމުގެ ނުރައްކާ ވަރަށް ބޮޑެވެ. އަހަރެމެން ބައެއް ކަހަލަ ހަރަކާތްތައް ކުރުމުން ވާޓެބްރާގެ ދެމެދުގައިވާ ސޮފްޓް ޑިސްކްތައް މަސައްކަތްކުރެ އެވެ. އެއީ ލެޔާއި ނިއުޓްރިއެންޓްސް ހޯދަން ކުރާ މަސައްކަތެވެ. އަހަރެން މާގިނައިރު ވަންދެން ހަރަކާތެއް ނުކޮށް އިނުމުން ޑިސްކްތައް އެއްވެސް ހަމައެއް ނެތި ފިތެ އެވެ.



ދިރިއުޅުން ދެކެ ފޫހިވުން
މާގިނަ ވަގުތު އޮފީހުގެ އެކި މަސައްކަތުގައި ގޮނޑިން ނުތެދުވެ އިނުމަކީ އެހެން މީހުންނާ އޮންނަ ގުޅުމަށް ވެސް ބުރޫ އަރާ، މީހާ މާ ބޮޑަށް އެކަނި ވާނެ ކަމެކެވެ. މިއީ ނަފްސާނީ ގޮތުން މީހާއަށް އެހާ ރަނގަޅު ގޮތެއް ނޫނެވެ. 



ފަޔަށް ދިމާވާ މައްސަލަތައް
މާގިނަ ވަގުތު އިށިނދެގެން އިނުމުން ފައިގައި ރަނގަޅަކަށް ލޭ ދައުރެއް ނުވާނެ އެވެ. ފަޔަށް މާ ގިނައިން ފެން ޖަމާވެ ދުޅަވާ ގޮތް ވަނީ މި ސަބަބާ ހުރެ ކަމަށް ވެދާނެ އެވެ. މިގޮތުން ދިމާވާ ބައެއް މައްސަލަތަކުގެ ތެރޭގައި ނާރުތައް ފުއްޕުން ނުވަތަ ވެރިކޯސް ވެއިންސް އަދި ފައިގެ ކުޑަހުޅު ދުޅަވުން ފަދަ މައްސަލަ ހިމެނެ އެވެ. ފޮނުވާލުމުން މޫޑު ރަނގަޅު ކޮށްދޭ ކެމިކަލްތަކެއް ސިކުނޑިން ފޮނުވާލާނެ އެވެ. ހަރަކާތްތެރި ނޫން ދިރިއުޅުން އުޅޭ މީހުންގެ ސިކުނޑި އާއި ހަށިގަނޑުގެ ހުރިހާ މަސައްކަތެއް ވެސް ލަސް ވާނެ އެވެ.  



މެޓަބޮލިކް ސިންޑްރޯމް
ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ހަރަކާތްމަދު ދިރިއުޅުން އުޅޭ މީހުންނަށް މެޓަބޮލިކް ސިންޑްރޯމް ޖެހެ އެވެ. މިއީ ތަފާތު ގިނަ ބަލިތަކުގެ ތެރެއިން ލޭ މައްޗަށް ދިއުން، ހަކުރު މަތިވުން، ކޮލެސްޓްރޯލް މައްޗަށް ދިއުން އަދި އުނަގަނޑުގައި މަސް ޖެހުން ފަދަ ގިނަ މައްސަލަތަކެއް އެއްފަހަރާ ދިމާވުމަށް ކިޔާ ނަމެކެވެ.



ބުރަކަށީގައި ރިއްސުން
މާގިނައިރު ގޮނޑިގައި ނުތެދުވެ އިނުމަކީ ބުރަކަށީގައި ރިއްސަން މެދުވެރިވާ އެންމެ ބޮޑު ސަބަބެވެ. މިގޮތަށް ތިބޭ މީހުންނަށް ބުރަކައްޓަށް ހީވެސް ނުކުރާ ކަހަލަ ބޮޑެތި ގެއްލުންތައް ލިބުން އެކަށީގެން ވެއެވެ.

ނާރުތައް ހަލާކުވުން

ހަރަކާތެއް ނެތި އެތައް ގަޑިއެއްގެ އިރު އިނުމަކީ ނާރުތަކުގައި ވަރަށް އަވަހަށް މައްސަލަ ޖެހޭ ކަމެކެވެ.



ބައްޓަން ހަޑިވުން
މޭޒު ކައިރީގައި ގިނަ ވަގުތު އިނުމުން އުނަގަނޑާއި ކަކޫ އަދި މައިބައިދަ ފަދަ ތަންތަނަށް ޕްރެޝަރު ބޮޑުވެ އެވެ. ނަތީޖާއެއްގެ ގޮތުން މާ ބޮޑަށް ވަރުބަލިވާތީ އުޅުމަކީ އެކަށީގެންވާ ކަމެކެވެ.



އައްސިވުން 
ގޮނޑީގައި އެއް ގޮތަކަށް މާ ގިނަ ވަގުތު އިނުމުގެ ސަބަބުން ނާރުތަކަށް ގެއްލުން ވެއެވެ. އައްސިވުމާއި ތަދުވުމަކީ މިކަމުގެ ސަބަބުން ދިމާވާ ކަމަކަށް ވެދާނެ އެވެ.



ޑިޕްރެޝަން 
ދުވާލު ހަތަރުދަމު ގޮނޑިއެއްގައި އިށީނދެގެން އިނުމަކީ މީހާގެ ހަކަތަ ނެތިގެން ގޮސް ސިކުނޑިއަށް ވެސް ވަރުބަލިކަން ލިބޭނެ ކަމެކެވެ. އިށީނދެގެން ގިނައިރު ތިބޭ ވަރަކަށް ޑިޕްރެޝަންގެ މައްސަލަތައް ދިމާވުން އިތުރުވާނެ އެވެ.





Thursday, February 26, 2015

Naseyhathuge Baskolheh











Natheeja ragalhu kurumah kudhinah ehyvamaatho


ނަތީޖާ ރަނގަޅުކުރުމަށް މައިންބަފައިންނަށް ކޮށްދެވިދާނެ ކަންތައްތަައް




ދަރިންގެ ތައުލީމަކީ މައިންބަފައިންނަށް އެންމެ މުހިއްމު އެއް ކަންތަކެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ދަރިންނަށް ސްކޫލްގައި ރަނގަޅު ނަތީޖާ ލިބުމަށް އެދޭނެ އެވެ. މި އާޓިކަލްގައި މި ބަލާނީ މިފަދަ މައިންބަފައިންނަށް އެ މީހުންގެ ދަރިންނަށް އެހީތެރިވެވިދާނެ 10 ނުކުތާއެއްގެ މައްޗަށެވެ.


ސްކޫލްގައި ކުއްޖާ ހޯދާ ކާމިޔާބާއި އޭނާގެ މުސްތަގްބަލާ ވަރަށް ބޮޑު ގުޅުމެއްވާކަން ކޮންމެ މީހަކު ވެސް ގަބޫލު ކުރާނެ އެވެ. އަދި ކުދިންނަށް ސްކޫލްގައި ކާމިޔާބު ލިބޭތޯ ކުދިންނެކޭ އެއްވަރަށް މަސައްކަތް ކުރާ މައިންބަފައިން ވަރަށް ގިނަ އެވެ. ނަމަވެސް ސުވާލަކީ ކުދިންނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނީ ކޮން ގޮތަކަށް މައިންބަފައިން ކަންތައް ކޮށްދީގެން ހެއްޔެވެ؟ 
   
ޝެޑިއުލްއެއް ރޭވުން



ގިނަ އާއިލާތަކުގެ މީހުންނަކީ މިހާރު ވަރަށް ބުރަކޮށް މަސައްކަތުގައި އުޅޭ މީހުންނެވެ. އާއިލާގެ ހުރިހާ މެމްބަރުންގެ ސްކޫލް، މަސައްކަތް، ކުޅިވަރު، އާޓް، އަދި އިޖްތިމާއީ ކަންތައްތައް ކުރަން ޖެހި މަސައްކަތްތައް ފުނިޖެހުމުގެ ނަތީޖާއަކީ ސްކޫލްގެ ކަންތައްތަކާ އަޅާލެވޭ މިންވަރު ކުޑަވުމެވެ. މި ކަންތައްތަކުން ދުރުހެލި ވެވިދާނެ އެންމެ ރަނގަޅު އެއް ގޮތަކީ ދުރާލާ ޝެޑިއުލް ރޭވުމެވެ. އޭރުން ކުރަން ޖެހޭ ކޮންމެ ކަމަކަށް ވެސް ވަކި ވަގުތެއް ކަނޑައެޅި އެ ވަގުތެއް އެކަމަކަށް ހުސްކުރުމުގެ ފުރުސަތު ލިބޭނެ އެވެ.



މިގޮތުން ރާވާ ޝެޑިއުލް މާ ބޮޑަށް ދިގު ދަންމާ ނުލާށެވެ. ގިނަ ފަހަރަށް ވާ ގޮތަކީ އާއިލާއަކުން މިފަދަ ޝެޑިއުލްއެއް ހަމަޖައްސާއިރު ޝެޑިއުލް އަށް ފެއްތޭ ވަރަށް ވުރެ މާ ގިނަ ކަންތައްތައް ކުރަން ހުރިކަން ވިސްނެނީ އެވެ. ސްކޫލްގައި އޮންނަ އިތުރު ހަރަކާތްތަކުގައި ކޮންމެވެސް ވަރަކަށް ބައިވެރިވިޔަސް ރާވާލައިގެން ކަންތައްތައް ކުރާނަމަ ރަނގަޅު މާކްސް ހޯދުމުގައި ކުދިންނަށް ދަތިތަކެއް ކުރިމައްޗެއް ނުވާނެ އެވެ. ފަހަރެއްގައި ގޭގައި އުޅޭ ވަގުތު ކުރަން ކަނޑައަޅާފައިވާ ބައެއް ކަންތައްތައް ބައެއް ހާލަތުތަކުގައި މަދުކުރަން ޖެހިދާނެ އެވެ.



އަަރާމުކުރާނެ ވަގުތު ދިނުން



ކުދިންނަށް އަރާމުކުރުމަށް ގިނަ ވަގުތު ދެވޭތޯ ބަލާށެވެ. ކިޔަވާ އުމުރުގެ ކުދިންގެ ތެރެއިން ގިނަ ކުދިންނަކީ އެކުދިންނަށް އެކަށީގެންވާ ވަރަށް ނިދި ނުލިބޭ ކުދިންނެވެ. ރޭގަނޑު އެންމެ މަދުވެގެން ވެސް އަށް ގަޑިއިރުގެ ނިދި ކުދިންނަށް ބޭނުންވެ އެވެ. ސްކޫލަށް ކިޔަވަން ދާ ދުވަސްތަކުގައި ނިދި މަދުވާ ތަންކޮޅަށް ހަފުތާ ބަންދުގައި ނިދާލައިގެން ހަމަަޖެއްސޭނެކަމަށް ހީކުރާ ހީކުރުން ބަދަލުކުރާށެވެ. ކޮންމެ ދުވަހަކު ވެސް އެ ދުވަހަކަށް ބޭނުންވާ ނިދި ނިދާން ޖެހޭނެ އެވެ. ބަންދު ދުވަހަކު މުޅި ދުވާލު ހަތަރުދަމު ނިދިޔަސް އެތަން ފުލެއް ނުބެއްދޭނެ އެވެ. ސްކޫލްގައި ރަނގަޅަށް ފިލާވަޅުތައް ހެދުމަށް އެކަށީގެންވާ ނިންޖާއި އަރާމު ފުރިހަމަވުމަކީ މުހިއްމު ކަމެކެވެ.



ފައިދާހުރި ކާނާ ދިނުން



ކެއުމުގައި ހަށިގަނޑަށް ބޭނުންވާ ތަފާތު ހުރިހާ މާއްދާތަކެއް އެކުލެވޭ ކެއުންތައް ކުދިންނަށް ކޮންމެ ދުވަހަކުހެން ކާންދޭންޖެހެ އެވެ. ހަށިގަނޑަށް ފައިދާ ނުކުރާ ކާނާ ދިނުމުންނާއި ކާ ގަޑިގަޑީގައި ކާންނުދީ ބަހައްޓާނަމަ ހަމަ ނިދި ނުލިބުމުން ހަށިގަނޑަށް ލިބޭ ކަންނެއްކަމާއި ވަރުބަލިކަން ފަދަ ކަންތައްތައް ކުއްޖާ އަށް ކުރިމަތިވާނެ އެވެ. އެގޮތުން ހެނދުނުގެ ސަޔަކީ ކުއްޖާ އަށް އެންމެ މުހިއްމު ނާސްތާކަން ގަބޫލު ކުރާށެވެ. އަދި ވީވަރަކުން ފާސްޓް ފުޑް ދިނުމާ ދުރުހެލިވާށެވެ. ސްކޫލުން އައުމަށް ފަހު ވެސް ކާނެ ސިއްހަތަށް ފައިދާހުރި ކާނާ ކުދިންނަށް ލިބޭ ހިސާބުތައް އަބަދުވެސް ބަހައްޓާށެވެ. އެގޮތުން މޭވާ އާއި ރޮލަށް ކެވޭ ތަރުކާރީ، ޗީޒް، ޕޮޕްކޯން ފަދަ ތަކެތި ހިމެނެ އެވެ. އަދި ސޮފްޓް ޑްރިންކްތައް ވީވަރަކުން ނުދީ ވޭތޯ ބަލާށެވެ. އަދި ހަކުރު ވެސް މާގިނައިން ބޭނުން ކުރިޔަ ދިނުން ރަނގަޅެއް ނޫނެވެ. ސަބަބަކީ ހަކުރު ގިނައިން ބޭނުން ކުރުމުން ހަށިގަނޑަށް ލޮޑުކަން އިހްސާސް ކުރެވޭ ގޮތް ވެދާނެތީ އެވެ. 



ސްކޫލަށް ބޭނުންވާ ތަކެތި ހަމަކުރުން



ކުދިންނަށް ބޭނުންވާ ފޮތް، ފޮންސުރު، ގަލަން، ތެރަސްފުޅި ފަދަ އާދައިގެ ތަކެތި އަބަދުވެސް ހަމަޔަށް ހުރޭތޯ ޗެކް ކުރާށެވެ. އެންމެ ފަހު ވަގުތު މިފަދަ އެއްޗެއް ނެތިގެން ވެސް ކުއްޖާ މޫޑު ގޯސްވެ ފިލާވަޅުތައް ހަދަން ޖެހޭ ފެންވަރަށް ނުހެދިދާނެ އެވެ. 



ހޯމްވޯކް ހެދިތޯ ޗެކްކުރުން



ހޯމްވޯކް އަކީ ކޮންމެ ދުވަހަކު ވެސް ހަދަން ޖެހޭ އެއްޗެއްގެ ގޮތުގައި ބާއްވާށެވެ. ހޯމްވޯކް ނުހަދާ މަދު ފަހަރަކު ވެސް ބޭއްވިއްޖެ ނަމަ އެއީ ކުއްޖާގެ ރަނގަޅު މާކްސް އެވްރެޖްކޮށް ދަށްވުމަށް މެދުވެރިވެދާނެ ކަމެކެވެ. ހޯމްވޯކް ހަދަން ވަކި ގަޑިއެއް ކަނޑައަޅާފައިވާ ބާއްވާށެވެ. އަދި އެ ގަޑިއަކީ އެއްވެސް އިތުރު އުނދަގުލެއް ނެތް ހަމަހިމޭން މާހައުލެއްގައި ކުއްޖާ ހޭދަކުރާ ވަގުތަކަށް ހަދާށެވެ. ހޯމްވޯކް ހަދާ ގަޑިއަކަށް އެންމެ ރަނގަޅު ވަގުތަކީ ކުއްޖާ ސްކޫލުން އައިސް ފެންވަރާ، ހެދުން ބަދަލުކޮށް އެއްޗެއް ކާލައި ހަމަޖެހިލައިގެން ހޯމްވޯކް ހަދަން ފެށޭނެ ގަޑިއަކަށް ހެދުން ރަނގަޅެވެ. ސަބަބަކީ އޭރު އަދި ސްކޫލްގައި ކިޔަވައިދިން އެއްޗެހި ކުއްޖާގެ ސިކުނޑީގައި ތާޒާކަމާއެކު ހަރުލާފައި ހުންނާނެ އެވެ.
ގިނަގިނައިން ހިތްވަރުދިނުން



ކުއްޖާ އަށް ހިތްވަރުދިނުމުގެ ބަސްތައް ބުނުން އިތުރު ކުރާށެވެ. ހާއްސަކޮށް ވަކި މާއްދާއެއް ކުއްޖާ އަށް އުނދަގޫ ނަމަ އެވެ. އެ މާއްދާއަކީ އެ ކުއްޖާ ނޫނަސް ކިތަންމެ ބަޔަކަށް އުނދަގޫ މާއްދާއެއްކަން ވިސްނައިދޭށެވެ. އެ މާއްދާ ކުއްޖާ އަށް ކިޔަވަން އުނދަގޫވުމުގެ މާނައަކީ ކުއްޖާއަކީ ދަށް ކުއްޖެއް ކަމަށް ގަބޫލު ނުކުރުމަށް ހިތްވަރު ދޭށެވެ. އޭނާ އަށް ލިބޭ ކިތަންމެ ކުޑަ ނަމަވެސް ކޮންމެ ކާމިޔާބަކަށް ވެސް ތައުރީފުކޮށް ހިތްވަރު ދިނުމުގެ ބަސްތައް ބުނާށެވެ. ބައެއް ފިލާވަޅުތަކުގައި އެހީތެރިކަން ފޯރުކޮށްދެވޭ މިންވަރަކުން އެހީތެރިކަން ވެސް ފޯރުކޮށްދެވިދާނެ އެވެ. ނުވަތަ ކިޔަވައިދޭ މީހެއްގެ އެހީ ވެސް ހޯދިދާނެ އެވެ. ނަމަވެސް ކުއްޖާ މިފަދަ އެހީއެއް ބޭނުން ނޫންކަމަށް ބުނާނަމަ ގަދަކަމުން އެހީތެރިވާން މަސައްކަތް ނުކުރާށެވެ. ބައެއް ފަހަރަށް އެކަނި ބުރަ މަސައްކަތް ކޮށްގެން ހޯދޭ ކާމިޔާބަކީ އެ ކުއްޖެއްގެ ހިތަށް މާ ބޮޑު އުފާވެރިކަމެއް ލިބޭ ކާމިޔާބަކަށް ވެއެވެ. 
ތަޖުރިބާ ހިއްސާ ކުރުން



މައިންބަފައިންނާއި ދަރިންނާ ދޭތެރޭ ވާހަކަތައް ހިއްސާ ކުރުމުގެ ދޮރު ހުޅުވާފައި ބަހައްޓާށެވެ. މައިންބަފައިން ކައިރީގައި ކުއްޖާ ނުދައްކާ ފޮރުވާނެ އެއްވެސް ވާހަކައެއް ނުބޭއްވުމަށް ވީވަރަކުން މަސައްކަތް ކުރާށެވެ. އެއީ ގަދަކަމުން ކުއްޖާ ލައްވާ ވާހަކަ ދައްކުވައިގެންނެއް ނޫނެވެ. މައިންބަފައިންނަކީ ކުއްޖާގެ ރަހުމަތްތެރިން ކަމަށް އޭނާގެ ތުއްތު ސިކުނޑި އަށް ގަބޫލު ކުރުވައިގެންނެވެ. ކޮންމެ ދުވަހަކު ވެސް ކުއްޖާ ދައްކާ ވާހަކަތައް އަޑުއަހަން ވަގުތު ހޯދާށެވެ. އަދި އޭނާ ވާހަކަ ދައްކަމުން ދާ އިރު އެ ވާހަކަތަކަށް ފާޑު ނުކިޔާށެވެ. އޭނާގެ ހިތުގައިވާ ހުރިހާ އެއްޗެއް ހާމަކޮށްލަން ފުރުސަތުދީ އެ ވާހަކަތައް ކަނުލާ އަޑުއަހާށެވެ.



ސްކޫލްގައި ކުއްޖާ އަށް ތަޖުރިބާ ކުރެވުނު އެކި އެކި ކަންތައްތައް ކިޔައިދިނުމަށް ހިތްވަރު ދޭށެވެ. ޓީޗަރާއި ކުއްޖާއާ ދެމެދު ދެކެވުނު ވާހަކަތަކާއި ކްލާހުގެ އެހެން ކުދިންނާއި ކުއްޖާއާ ދެމެދު ހިނގި އެކި ހާދިސާތައް ކުއްޖާގެ ދުލުން ކިޔައިދޭ އަޑު އަހާށެވެ. ކުއްޖާ އަށް ކުލާހުގައި އެއްވެސް މައްސަލައެއް ކުރިމަތިވާނަމަ ވަރަށް ސާފުކޮށް އެކަމެއް އޭރުން އޮންނާނީ މައިންބަފައިންނަށް އޮޅުން ފިލާފަ އެވެ. އަދި މިފަދަ މައްސަލަތައް ހައްލުކުރުމުގައި ކުއްޖާ އަށް އެހީތެރިވެވިދާނެ ގޮތްތައް ވެސް އޭރުން އެނގޭނެ އެވެ. 



ކުލާހުގައި ކުއްޖާ އަށް އެއްވެސް މައްސަލައެއް ކުރިމަތިވާނަމަ އެކަމެއްގެ ވާހަކަ ކުލާހުގެ ޓީޗަރާ މަޝްވަރާ ކުރެވިދާނެ އެވެ. ނަމަވެސް ކުއްޖާ ކުރިމަތީގައި ބަހައްޓައިގެން އެ ވާހަކަތައް ޓީޗަރަށް ކިޔައިދިނުން ރަނގަޅެއް ނޫނެވެ. 



ކުއްޖާއާ ދޭތެރޭ ކުރާ އުންމީދުތައް ހަގީގަތާ އެއްގޮތަށް ބަހައްޓާށެވެ. ދަރިފުޅު ސްކޫލްގައި ރަނގަޅު މަތީ ވަނަތަކެއް ހޯދުމަށް އުންމީދު ކުރުމަކީ ކޮންމެ މީހަކުވެސް ކުރާނެ ކަމެކެވެ. ނަމަވެސް އެކި ކުދިންގެ ވިސްނުމާއި ގާބިލިއްޔަތު ހުންނާނީ އެކި ފެންވަރަށް ކަން ގަބޫލު ކުރާށެވެ. އަދި އެހެން މީހުންނާ މުޚާތަބް ކުރުމުގައި ކުއްޖާ މަޑުމައިތިރިކަމާއި ރީތި ބަހުން ވާހަކަ ދެއްކުމަށް ބާރު އަޅާށެވެ. އަދި ހަދާ ހުރިހާ ޕޭޕަރުތަކުން "އޭ" ގްރޭޑް ލިބޭނެކަމަށް އުންމީދު ނުކުރާށެވެ. ކުއްޖާ މާޔޫސްވެ ދެރަވެ ކިޔެވުމަށް ފޫހިވާ ފަދަ ކަމެއް ދިމާ ނުވެވޭތޯ ބެލުމަށްޓަކައި އޭނާ އަށް އަބަދުވެސް ކުރިއަށް ދާންވީ މަގު ދައްކާށެވެ. އަދި އޭނާގެ އަމާޒަށް ވާސިލުވުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ހިތްވަރު ދޭށެވެ. 



ތެދުވެރި ބަޔަކަށްވުން


ކުދިންނަށް ތެދުވެރި ބަޔަކަށް މައިންބަފައިން ވާށެވެ. މައިންބަފައިން ކިޔެވި ދުވަސްވަރު ހޯދި ކާމިޔާބީތައް ކުދިންނަށް ކިޔައިދޭ އިރު އެމީހުންނަށް ދިމާވި ނާކާމިޔާބީތައް ވެސް ކިޔައިދޭށެވެ. އަދި އެކަމުން ސަލާމަތްވުމަށް އެމީހުން ކުރި މަސައްކަތް ވެސް ކިޔައިދޭށެވެ. އޭރުން ކުދިންނަށް އެ ވާހަކަތަކުން ވެސް އިތުރު ހިތްވަރު ލިބޭނެ އެވެ.

Tuesday, February 24, 2015

Aa dharifulhah medhu visnama

ދަރިއަކު ކަރުދާސް ފޮށިގަނޑެއްގައި ނިންދަވަން ކެރޭނެތަ؟


އާންމު ގޮތެއްގައި އަޅުގަނޑުމެން އަޑުއަހާ އުޅެނީ މީހުން އޮޅުކޮށްގެން ގެންގުޅޭ ޅަބުޅާ، ދޫނިސޫފާސޫފި އަދި އެނޫން ވެސް ކުދި ޖަނަވާރުތައް ކަރުދާސް ފޮށިގަނޑު ތެރޭގައި ގެންގުޅޭ ވާހަކަ އެވެ. އެހެންނަމަވެސް، މިފަހަރު ތަފާތު ވާހަކައެކެވެ. ތިމާގެ އަމިއްލަ ދެލޯފަދަ ތުއްތު ދަރިފުޅު ކަރުދާސް ފޮށިގަނޑެއްގެ ތެރޭގައި ގެންގުޅެން ކުޅަދާނައީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މައިންބަފައިންނަށް ބާވަ އެވެ؟ އަދި މޮޅު އެނދެއްގައި ދަރިއަކު ނިންދެވުމުގެ ބަދަލުގައި ކަރުދާސް ފޮށިގަނޑެއްގައި އޭނާ ނިންދެވުމުން އެ ދަރިފުޅަށް ލިބެނީ ކޮން ގެއްލުމެއް ބާވަ އެވެ؟ 

ކަރުދާސް ފޮށިގަނޑު ތެރޭގައި ދަރިން ނިންދެވުމަކީ ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ ގައުމުތަކުގެ ތެރެއިން ގައުމެއް ކަމުގައިވާ ފިންލަންޑުގައި އާންމުކަމެކެވެ. މިއީ، މީގެ 75 އަހަރު ކުރިން އެ ގައުމުގައި ތައާރަފުކޮށްފައިވާ އަދި މިހާރު ވެސް ކުރިއަށްދާ އާދަކާދައެކެވެ. 

ފިންލަންޑުގައި ދަރިއަކު ވިހެއުމާއެކު، އާދަކާދައިގެ މަތިން، ދަރިފުޅަށް ބޭނުންވާ މުހިންމު ތަކެތި ހިމެނޭ ބަންދުކުރި ކަރުދާސް ފޮށިގަނޑެއް ސަރުކާރުން ހިލޭ ފޯރުކޮށްދެ އެވެ. މީގެ ތެރޭގައި، ދަރިފުޅު ފުރަތަމަ ދެތިން ހަފްތާގައި ބޭނުން ކުރާނެ އަންނައުނާއި، ނެޕީ އާއި، ބޮލުގައި އަޅާނެ ތޮއްޕާއި، އަތަށް އަރުވާނެ އަންގި އާއި، އިސްޓާކީނާއި، ތުވާއްޔާއި، ހަށިގަނޑުގެ ފިނިހޫނުމިން ބަލާނެ ހުންބަލާ ކަށިގަނޑަކާއި ތަސްވީރުތައް އެކުލެވޭ ފޮތް ފަދަ ތަކެތި ހިމެނެ އެވެ. ހަމައެހެންމެ، އެ ފޮށިގަނޑުގެ ކުޑަބޮޑުމިނާ އެއްވަރެއްގެ އާދައިގެ ގޮދަޑިއެއް ވެސް އެ ފޮށިގަނޑު ތެރޭގައި ހިމެނެ އެވެ. 

ދަރިފުޅަށް ބޭނުންވާ ސާމާނާ އެކު ފިންލެންޑް ސަރުކާރުން މާބަނޑު މީހަކަށް ދިން ކަރުދާސް ފޮށިގަނޑެއްގައި ހެދުންތަކެއް އަތުރާފައި.--ފޮޓޯ: ރެޑިޓް.ކޮމް

ހަމަމިއާއެކު، ފާހަގަކުރެވޭ އެންމެ މުހިންމުކަމަކީ މިގޮތަށް ސަރުކާރުން ކޮންމެ ކުއްޖަކަށް ދޭ ކަރުދާސް ފޮށިގަނޑު ތުއްތު ދަރިފުޅު ނިދާ އެނދަށް ބަދަލުވެގެންދާ ކަމެވެ. 

މިއީ ފިންލަންޑުގައި ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމުގެ ގޮތުން އެ ގައުމުގެ ސަރުކާރުން އިސްނަގައިގެން ހިންގާ މަޝްރޫއުތަކުގެ ދަށުން ކުރާ ކަމެކެވެ. އެހެނީ، ތުއްތު ކުއްޖާއަކީ މުއްސަނދި ނުވަތަ ފަގީރު، އާއިލީގޮތުން ކަމުވޮށިގެންވާ ނުވަތަ ނޫން، މަޝްހޫރު ނުވަތަ މީހުން ނުދަންނަ، އަދި ކިތަންމެ މޮޅު ނުވަތަ ކިތަންމެ އާދައިގެ އާއިލާއަކަށް ނިސްބަތްވާ ދަރިއަކަށް ވިއަސް ސަރުކާރުން ހިލޭ ފޯރުކޮށްދޭ ފޮށިގަނޑުގެ ވައްތަރާއި ބައްޓަމަށް ކުޑަ ވެސް ބަދަލެއް ނާންނާތީ އެވެ. 

މިކަމުގެ ސަބަބުން އެގައުމުގެ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމަށް ބާރުއެޅިގެން ދިއުމުގެ އިތުރުން، ތުއްތުކުދިން ޅަފަތުގައި މަރުވާ މިންވަރު އާދަޔާޚިލާފަށް ދަށްކުރެވިފައިވާ ކަމަށް ވެސް އެ ގައުމުގެ ތާރީހު ހެކިދެ އެވެ. ކަރުދާސް ފޮށިގަނޑުތަކުގައި ޅަކުދިން ނިންދަވަން ފެށުމުގެ ކުރިން (1930 ވަނަ އަހަރުގެ ކުރިން) ފިންލަންޑުގައި އުފަންވި ކޮންމެ 1،000 ކުއްޖެއްގެ ތެރެއިން 65 ކުއްޖަކު އޭރު ޅަފަތުގައި މަރުވެ އެވެ. އެހެންނަމަވެސް، މިއަދާ ހަމައަށް އައި އިރު އެ ގައުމުގައި ޅަފަތުގައި މަރުވާ ކުދިންގެ އަދަދު އާދަޔާ ޚިލާފަށް ދަށްވެފައިވާކަން ފާހަގަކުރެވެ އެވެ. މިއީ އެގައުމުގެ ސިއްހީ ނިޒާމަށް ފާއިތުވި 75 އަހަރު ތެރޭގައި ލިބިފައިވާ ކުރިއެރުމާ ވެސް އެކުގަ އެވެ. އެހެންނަމަވެސް، ކަރުދާސް ފޮށިގަނޑު ވެސް އެކަމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ ކަމުގައި ކަމާބެހޭ ތަޖްރިބާކާރުން ގަބޫލުކުރެ އެވެ. 

ދާދިފަހުން މިކަމާ ގުޅިގެން ކޮށްފައިވާ ދިރާސާތަކުން ހާމަވާ ގޮތުގައި ފިންލަންޑުގެ މައިންނަކީ މުޅި ދުނިޔޭގެ ނިސްބަތުން ބެލިކަމުގައި ވިއަސް އެންމެ އުފާވެރި އަދި ހިތްހަމަޖެހޭ މައިންނެވެ. މީގެ އިތުރުން ދުނިޔޭގެ ނިސްބަތުން އެންމެ ހިތްހަމަޖެހޭ ދިރިއުޅުމެއް ވޭތު ކުރަމުންދާ މީހުންގެ ތެރޭގައި ފިންލޭންޑްގެ ރައްޔިތުން ހިމެނެ އެވެ. ހަމައެހެންމެ، އެމީހުންނަކީ އަދާކުރާ ވަޒީފާ އާއި ދިރިއުޅުމުގެ ހަމަހަމަކަން އެއްވަރެއްގައި ހިފަހައްޓަމުންދާ އަދި ދުޅަހެޔޮ ސިއްހަތެއްގައި ގިނަ ދުވަހު ދުނިޔޭގައި ދިރިތިބޭ މީހުންގެ ތެރޭގައި ހިމެނޭ ބައެއްކަން ވެސް ފާހަގަކުރެވެ އެވެ. 

ފޮށިގަނޑެއް ފަދަ އެއްޗެއްގައި ޅައިރު ދަރިއަކު ނިންދަވައި ގެންގުޅުމަކީ އޭގައި ސިއްހީ ފައިދާތަކެއް ވެސް އެކުލެވޭ ކަމެކެވެ. މިސާލަކަށް، ފޮށިގަނޑަކީ ޅަދަރިއަކު ނިދަން އެދެވޭ ގޮތަކަށް ބަންދުވެފައިވާ އެއްޗަކަށް ވާއިރު ދަރިފުޅު ގަޔަށް އަދި ލޮލަށް އެޅޭ އަލި ވެސް ކަރުދާސް ފޮށިގަނޑު ބައްޓަން ކުރެވިފައިވާ ގޮތުން ކޮންޓްރޯލުކުރެ އެވެ. ހަމައެހެންމެ، ޅައިރުން ފެށިގެން ދަރިފުޅު ވަކި ތަނެއްގައި ނިންދެވުމަކީ އެ ދަރިފުޅުގެ ސިއްހީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ލިބޭ ކުރިއެރުމެއްކަން ހާމަވެ އެވެ. 

ދަރިއަކަށް ތުއްތުއިރު މިފަދައިން ފޯރުކޮށްދެވޭ މާހައުލެއްގެ ސަބަބުން އޭނާގެ މުޅި އުމުރަށް ދެމިގެންދާ ފަދަ ރަނގަޅު ގޮތްތައް އޭނާއަށް ފަހިވާކަމަށް ވެސް ވެ އެވެ. މިގޮތުން، ނޭވާލާ ނިޒާމުގެ މައްސަލަތަކުން ދުރުވުމާއި ކެންސަރު ފަދަ ނުރައްކާތެރި ބަލިބަލިން ދިފާއުވުމަށް އޭނާ އަށް މަގުފަހި ވެގެންދާ ކަމަށް ވެސް ވެ އެވެ. 

ދަރިފުޅަށް ބޭނުންވާ ސާމާނާ އެކު ސަރުކާރުން ދިން ކަރުދާސް ފޮށިގަނޑު ކައިރީގައި ފިންލެންޑުގެ މާބަނޑު މީހަކު މަޑުކޮށްލައިގެން.--ފޮޓޯ: ރެޑިޓް.ކޮމް

ކޮންމެއަކަސް، މިތާނގައި މި ގެނެސްދިން ކުޑަކުޑަ މައުލޫމާތުކޮޅުން ވެސް އަޅުގަނޑުމެންނަށް ފިލާވަޅުތަކެއް ހާސިލު ކުރެވިދާނެ ކަން ކަށަވަރެވެ. އެއީ، ދަރިއަކު ނިންދަވާ ތަން ތަފާތު ގޮތްގޮތަށް ޒީނަތްތެރިކުރުމަށް ވުރެ ބޮޑަށް އޭނާ ނިދާ މާހައުލު އާދައިގެ މާހައުލަކަށް ވުމުގެ މުހިންމުކަމެވެ. އަދި އެންމެންގެ މެދުގައި ވެސް ހަމަހަމަކަން ހިފެހެއްޓޭނެ އުސޫލެއް ފޯރުކޮށްދިނުމަކީ ގައުމެއްގެ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން ފުޅާވެގެން ދިއުމުގެ އިތުރުން އެމީހުން އުފާފާގަތިކަން މަތީ ދެމިތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމެވެ. 

އެކަކު ގެންގުޅެފައި އޮތް އެއްޗެއް އަނެކަކު ބޭނުން ކުރަން ޖެހިލުންވުމާއި "އާދައިގެ" ގޮތްގޮތަށް ބައްޓަންކޮށްފައިވާ ތަކެތި ބޭނުން ކުރަން ފަސްޖެހުން މިއީ އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި އާންމު ކަމެކޭ ބުނުމަކީ ދޮގެއް ނޫނެވެ. އެހެންކަމުން، ތަރައްގީ އާއި ކުރިއަރައިދިއުމުގެ މާނަ އަޅުގަނމެންނަށް އޮޅިފައި އޮތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. 

ކުރިއަރައިދިއުމުގެ މާނައަކީ ކަންކަމުގައި އޮންނަ ލުއިފަސޭހަ އަދި އާދައިގެ ގޮތް ދޫކޮށްލުމެއް ވެސް ނޫންކަން ގައިމެވެ. އެހެންކަމުން، އާދައިގެ ކަރުދާސް ފޮށިގަނޑެއް ވެސް އެއީ އޭގެ ޒާތުގައި މުހިންމު އަދި ބޭނުންތެރި އެއްޗެއް ކަމުގައި ވިސްނުން ބެހެއްޓުމަކީ ބުއްދިވެރި ކަމެއްކަން ކަށަވަރެވެ. 

އުގެއިލް
އެޑިޓަރުގެ ނޯޓް: ހަސަން އުގެއިލް އަކީ އިނގިރޭސިވިލާތުގެ ބްރެޑްފަޑް ޔުނިވަސިޓީގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް އިންފޯމެޓިކްސްގެ ވިޝުއަލް ކޮމްޕިއުޓިން ޕްރޮފެސަރެވެ. އޭނާއަކީ ސައިންސްގެ ރޮނގުން ޕްރޮފެސަރަކަށް ވެވަޑައިގެންނެވި ފުރަތަމަ ދިވެހި އިލްމްވެރިޔާ އެވެ. ހިސާބާއި ކޮމްޕިއުޓާ ސައިންސްގެ ދާއިރާ އިން ބައިނަލްއަގުވާމީ ފެންވަރުގައި އުގެއިލް ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.