Tuesday, February 24, 2015

Aa dharifulhah medhu visnama

ދަރިއަކު ކަރުދާސް ފޮށިގަނޑެއްގައި ނިންދަވަން ކެރޭނެތަ؟


އާންމު ގޮތެއްގައި އަޅުގަނޑުމެން އަޑުއަހާ އުޅެނީ މީހުން އޮޅުކޮށްގެން ގެންގުޅޭ ޅަބުޅާ، ދޫނިސޫފާސޫފި އަދި އެނޫން ވެސް ކުދި ޖަނަވާރުތައް ކަރުދާސް ފޮށިގަނޑު ތެރޭގައި ގެންގުޅޭ ވާހަކަ އެވެ. އެހެންނަމަވެސް، މިފަހަރު ތަފާތު ވާހަކައެކެވެ. ތިމާގެ އަމިއްލަ ދެލޯފަދަ ތުއްތު ދަރިފުޅު ކަރުދާސް ފޮށިގަނޑެއްގެ ތެރޭގައި ގެންގުޅެން ކުޅަދާނައީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މައިންބަފައިންނަށް ބާވަ އެވެ؟ އަދި މޮޅު އެނދެއްގައި ދަރިއަކު ނިންދެވުމުގެ ބަދަލުގައި ކަރުދާސް ފޮށިގަނޑެއްގައި އޭނާ ނިންދެވުމުން އެ ދަރިފުޅަށް ލިބެނީ ކޮން ގެއްލުމެއް ބާވަ އެވެ؟ 

ކަރުދާސް ފޮށިގަނޑު ތެރޭގައި ދަރިން ނިންދެވުމަކީ ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ ގައުމުތަކުގެ ތެރެއިން ގައުމެއް ކަމުގައިވާ ފިންލަންޑުގައި އާންމުކަމެކެވެ. މިއީ، މީގެ 75 އަހަރު ކުރިން އެ ގައުމުގައި ތައާރަފުކޮށްފައިވާ އަދި މިހާރު ވެސް ކުރިއަށްދާ އާދަކާދައެކެވެ. 

ފިންލަންޑުގައި ދަރިއަކު ވިހެއުމާއެކު، އާދަކާދައިގެ މަތިން، ދަރިފުޅަށް ބޭނުންވާ މުހިންމު ތަކެތި ހިމެނޭ ބަންދުކުރި ކަރުދާސް ފޮށިގަނޑެއް ސަރުކާރުން ހިލޭ ފޯރުކޮށްދެ އެވެ. މީގެ ތެރޭގައި، ދަރިފުޅު ފުރަތަމަ ދެތިން ހަފްތާގައި ބޭނުން ކުރާނެ އަންނައުނާއި، ނެޕީ އާއި، ބޮލުގައި އަޅާނެ ތޮއްޕާއި، އަތަށް އަރުވާނެ އަންގި އާއި، އިސްޓާކީނާއި، ތުވާއްޔާއި، ހަށިގަނޑުގެ ފިނިހޫނުމިން ބަލާނެ ހުންބަލާ ކަށިގަނޑަކާއި ތަސްވީރުތައް އެކުލެވޭ ފޮތް ފަދަ ތަކެތި ހިމެނެ އެވެ. ހަމައެހެންމެ، އެ ފޮށިގަނޑުގެ ކުޑަބޮޑުމިނާ އެއްވަރެއްގެ އާދައިގެ ގޮދަޑިއެއް ވެސް އެ ފޮށިގަނޑު ތެރޭގައި ހިމެނެ އެވެ. 

ދަރިފުޅަށް ބޭނުންވާ ސާމާނާ އެކު ފިންލެންޑް ސަރުކާރުން މާބަނޑު މީހަކަށް ދިން ކަރުދާސް ފޮށިގަނޑެއްގައި ހެދުންތަކެއް އަތުރާފައި.--ފޮޓޯ: ރެޑިޓް.ކޮމް

ހަމަމިއާއެކު، ފާހަގަކުރެވޭ އެންމެ މުހިންމުކަމަކީ މިގޮތަށް ސަރުކާރުން ކޮންމެ ކުއްޖަކަށް ދޭ ކަރުދާސް ފޮށިގަނޑު ތުއްތު ދަރިފުޅު ނިދާ އެނދަށް ބަދަލުވެގެންދާ ކަމެވެ. 

މިއީ ފިންލަންޑުގައި ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމުގެ ގޮތުން އެ ގައުމުގެ ސަރުކާރުން އިސްނަގައިގެން ހިންގާ މަޝްރޫއުތަކުގެ ދަށުން ކުރާ ކަމެކެވެ. އެހެނީ، ތުއްތު ކުއްޖާއަކީ މުއްސަނދި ނުވަތަ ފަގީރު، އާއިލީގޮތުން ކަމުވޮށިގެންވާ ނުވަތަ ނޫން، މަޝްހޫރު ނުވަތަ މީހުން ނުދަންނަ، އަދި ކިތަންމެ މޮޅު ނުވަތަ ކިތަންމެ އާދައިގެ އާއިލާއަކަށް ނިސްބަތްވާ ދަރިއަކަށް ވިއަސް ސަރުކާރުން ހިލޭ ފޯރުކޮށްދޭ ފޮށިގަނޑުގެ ވައްތަރާއި ބައްޓަމަށް ކުޑަ ވެސް ބަދަލެއް ނާންނާތީ އެވެ. 

މިކަމުގެ ސަބަބުން އެގައުމުގެ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމަށް ބާރުއެޅިގެން ދިއުމުގެ އިތުރުން، ތުއްތުކުދިން ޅަފަތުގައި މަރުވާ މިންވަރު އާދަޔާޚިލާފަށް ދަށްކުރެވިފައިވާ ކަމަށް ވެސް އެ ގައުމުގެ ތާރީހު ހެކިދެ އެވެ. ކަރުދާސް ފޮށިގަނޑުތަކުގައި ޅަކުދިން ނިންދަވަން ފެށުމުގެ ކުރިން (1930 ވަނަ އަހަރުގެ ކުރިން) ފިންލަންޑުގައި އުފަންވި ކޮންމެ 1،000 ކުއްޖެއްގެ ތެރެއިން 65 ކުއްޖަކު އޭރު ޅަފަތުގައި މަރުވެ އެވެ. އެހެންނަމަވެސް، މިއަދާ ހަމައަށް އައި އިރު އެ ގައުމުގައި ޅަފަތުގައި މަރުވާ ކުދިންގެ އަދަދު އާދަޔާ ޚިލާފަށް ދަށްވެފައިވާކަން ފާހަގަކުރެވެ އެވެ. މިއީ އެގައުމުގެ ސިއްހީ ނިޒާމަށް ފާއިތުވި 75 އަހަރު ތެރޭގައި ލިބިފައިވާ ކުރިއެރުމާ ވެސް އެކުގަ އެވެ. އެހެންނަމަވެސް، ކަރުދާސް ފޮށިގަނޑު ވެސް އެކަމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ ކަމުގައި ކަމާބެހޭ ތަޖްރިބާކާރުން ގަބޫލުކުރެ އެވެ. 

ދާދިފަހުން މިކަމާ ގުޅިގެން ކޮށްފައިވާ ދިރާސާތަކުން ހާމަވާ ގޮތުގައި ފިންލަންޑުގެ މައިންނަކީ މުޅި ދުނިޔޭގެ ނިސްބަތުން ބެލިކަމުގައި ވިއަސް އެންމެ އުފާވެރި އަދި ހިތްހަމަޖެހޭ މައިންނެވެ. މީގެ އިތުރުން ދުނިޔޭގެ ނިސްބަތުން އެންމެ ހިތްހަމަޖެހޭ ދިރިއުޅުމެއް ވޭތު ކުރަމުންދާ މީހުންގެ ތެރޭގައި ފިންލޭންޑްގެ ރައްޔިތުން ހިމެނެ އެވެ. ހަމައެހެންމެ، އެމީހުންނަކީ އަދާކުރާ ވަޒީފާ އާއި ދިރިއުޅުމުގެ ހަމަހަމަކަން އެއްވަރެއްގައި ހިފަހައްޓަމުންދާ އަދި ދުޅަހެޔޮ ސިއްހަތެއްގައި ގިނަ ދުވަހު ދުނިޔޭގައި ދިރިތިބޭ މީހުންގެ ތެރޭގައި ހިމެނޭ ބައެއްކަން ވެސް ފާހަގަކުރެވެ އެވެ. 

ފޮށިގަނޑެއް ފަދަ އެއްޗެއްގައި ޅައިރު ދަރިއަކު ނިންދަވައި ގެންގުޅުމަކީ އޭގައި ސިއްހީ ފައިދާތަކެއް ވެސް އެކުލެވޭ ކަމެކެވެ. މިސާލަކަށް، ފޮށިގަނޑަކީ ޅަދަރިއަކު ނިދަން އެދެވޭ ގޮތަކަށް ބަންދުވެފައިވާ އެއްޗަކަށް ވާއިރު ދަރިފުޅު ގަޔަށް އަދި ލޮލަށް އެޅޭ އަލި ވެސް ކަރުދާސް ފޮށިގަނޑު ބައްޓަން ކުރެވިފައިވާ ގޮތުން ކޮންޓްރޯލުކުރެ އެވެ. ހަމައެހެންމެ، ޅައިރުން ފެށިގެން ދަރިފުޅު ވަކި ތަނެއްގައި ނިންދެވުމަކީ އެ ދަރިފުޅުގެ ސިއްހީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ލިބޭ ކުރިއެރުމެއްކަން ހާމަވެ އެވެ. 

ދަރިއަކަށް ތުއްތުއިރު މިފަދައިން ފޯރުކޮށްދެވޭ މާހައުލެއްގެ ސަބަބުން އޭނާގެ މުޅި އުމުރަށް ދެމިގެންދާ ފަދަ ރަނގަޅު ގޮތްތައް އޭނާއަށް ފަހިވާކަމަށް ވެސް ވެ އެވެ. މިގޮތުން، ނޭވާލާ ނިޒާމުގެ މައްސަލަތަކުން ދުރުވުމާއި ކެންސަރު ފަދަ ނުރައްކާތެރި ބަލިބަލިން ދިފާއުވުމަށް އޭނާ އަށް މަގުފަހި ވެގެންދާ ކަމަށް ވެސް ވެ އެވެ. 

ދަރިފުޅަށް ބޭނުންވާ ސާމާނާ އެކު ސަރުކާރުން ދިން ކަރުދާސް ފޮށިގަނޑު ކައިރީގައި ފިންލެންޑުގެ މާބަނޑު މީހަކު މަޑުކޮށްލައިގެން.--ފޮޓޯ: ރެޑިޓް.ކޮމް

ކޮންމެއަކަސް، މިތާނގައި މި ގެނެސްދިން ކުޑަކުޑަ މައުލޫމާތުކޮޅުން ވެސް އަޅުގަނޑުމެންނަށް ފިލާވަޅުތަކެއް ހާސިލު ކުރެވިދާނެ ކަން ކަށަވަރެވެ. އެއީ، ދަރިއަކު ނިންދަވާ ތަން ތަފާތު ގޮތްގޮތަށް ޒީނަތްތެރިކުރުމަށް ވުރެ ބޮޑަށް އޭނާ ނިދާ މާހައުލު އާދައިގެ މާހައުލަކަށް ވުމުގެ މުހިންމުކަމެވެ. އަދި އެންމެންގެ މެދުގައި ވެސް ހަމަހަމަކަން ހިފެހެއްޓޭނެ އުސޫލެއް ފޯރުކޮށްދިނުމަކީ ގައުމެއްގެ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން ފުޅާވެގެން ދިއުމުގެ އިތުރުން އެމީހުން އުފާފާގަތިކަން މަތީ ދެމިތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމެވެ. 

އެކަކު ގެންގުޅެފައި އޮތް އެއްޗެއް އަނެކަކު ބޭނުން ކުރަން ޖެހިލުންވުމާއި "އާދައިގެ" ގޮތްގޮތަށް ބައްޓަންކޮށްފައިވާ ތަކެތި ބޭނުން ކުރަން ފަސްޖެހުން މިއީ އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި އާންމު ކަމެކޭ ބުނުމަކީ ދޮގެއް ނޫނެވެ. އެހެންކަމުން، ތަރައްގީ އާއި ކުރިއަރައިދިއުމުގެ މާނަ އަޅުގަނމެންނަށް އޮޅިފައި އޮތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. 

ކުރިއަރައިދިއުމުގެ މާނައަކީ ކަންކަމުގައި އޮންނަ ލުއިފަސޭހަ އަދި އާދައިގެ ގޮތް ދޫކޮށްލުމެއް ވެސް ނޫންކަން ގައިމެވެ. އެހެންކަމުން، އާދައިގެ ކަރުދާސް ފޮށިގަނޑެއް ވެސް އެއީ އޭގެ ޒާތުގައި މުހިންމު އަދި ބޭނުންތެރި އެއްޗެއް ކަމުގައި ވިސްނުން ބެހެއްޓުމަކީ ބުއްދިވެރި ކަމެއްކަން ކަށަވަރެވެ. 

އުގެއިލް
އެޑިޓަރުގެ ނޯޓް: ހަސަން އުގެއިލް އަކީ އިނގިރޭސިވިލާތުގެ ބްރެޑްފަޑް ޔުނިވަސިޓީގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް އިންފޯމެޓިކްސްގެ ވިޝުއަލް ކޮމްޕިއުޓިން ޕްރޮފެސަރެވެ. އޭނާއަކީ ސައިންސްގެ ރޮނގުން ޕްރޮފެސަރަކަށް ވެވަޑައިގެންނެވި ފުރަތަމަ ދިވެހި އިލްމްވެރިޔާ އެވެ. ހިސާބާއި ކޮމްޕިއުޓާ ސައިންސްގެ ދާއިރާ އިން ބައިނަލްއަގުވާމީ ފެންވަރުގައި އުގެއިލް ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. 

No comments:

Post a Comment