Thursday, February 26, 2015

Natheeja ragalhu kurumah kudhinah ehyvamaatho


ނަތީޖާ ރަނގަޅުކުރުމަށް މައިންބަފައިންނަށް ކޮށްދެވިދާނެ ކަންތައްތަައް




ދަރިންގެ ތައުލީމަކީ މައިންބަފައިންނަށް އެންމެ މުހިއްމު އެއް ކަންތަކެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ދަރިންނަށް ސްކޫލްގައި ރަނގަޅު ނަތީޖާ ލިބުމަށް އެދޭނެ އެވެ. މި އާޓިކަލްގައި މި ބަލާނީ މިފަދަ މައިންބަފައިންނަށް އެ މީހުންގެ ދަރިންނަށް އެހީތެރިވެވިދާނެ 10 ނުކުތާއެއްގެ މައްޗަށެވެ.


ސްކޫލްގައި ކުއްޖާ ހޯދާ ކާމިޔާބާއި އޭނާގެ މުސްތަގްބަލާ ވަރަށް ބޮޑު ގުޅުމެއްވާކަން ކޮންމެ މީހަކު ވެސް ގަބޫލު ކުރާނެ އެވެ. އަދި ކުދިންނަށް ސްކޫލްގައި ކާމިޔާބު ލިބޭތޯ ކުދިންނެކޭ އެއްވަރަށް މަސައްކަތް ކުރާ މައިންބަފައިން ވަރަށް ގިނަ އެވެ. ނަމަވެސް ސުވާލަކީ ކުދިންނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނީ ކޮން ގޮތަކަށް މައިންބަފައިން ކަންތައް ކޮށްދީގެން ހެއްޔެވެ؟ 
   
ޝެޑިއުލްއެއް ރޭވުން



ގިނަ އާއިލާތަކުގެ މީހުންނަކީ މިހާރު ވަރަށް ބުރަކޮށް މަސައްކަތުގައި އުޅޭ މީހުންނެވެ. އާއިލާގެ ހުރިހާ މެމްބަރުންގެ ސްކޫލް، މަސައްކަތް، ކުޅިވަރު، އާޓް، އަދި އިޖްތިމާއީ ކަންތައްތައް ކުރަން ޖެހި މަސައްކަތްތައް ފުނިޖެހުމުގެ ނަތީޖާއަކީ ސްކޫލްގެ ކަންތައްތަކާ އަޅާލެވޭ މިންވަރު ކުޑަވުމެވެ. މި ކަންތައްތަކުން ދުރުހެލި ވެވިދާނެ އެންމެ ރަނގަޅު އެއް ގޮތަކީ ދުރާލާ ޝެޑިއުލް ރޭވުމެވެ. އޭރުން ކުރަން ޖެހޭ ކޮންމެ ކަމަކަށް ވެސް ވަކި ވަގުތެއް ކަނޑައެޅި އެ ވަގުތެއް އެކަމަކަށް ހުސްކުރުމުގެ ފުރުސަތު ލިބޭނެ އެވެ.



މިގޮތުން ރާވާ ޝެޑިއުލް މާ ބޮޑަށް ދިގު ދަންމާ ނުލާށެވެ. ގިނަ ފަހަރަށް ވާ ގޮތަކީ އާއިލާއަކުން މިފަދަ ޝެޑިއުލްއެއް ހަމަޖައްސާއިރު ޝެޑިއުލް އަށް ފެއްތޭ ވަރަށް ވުރެ މާ ގިނަ ކަންތައްތައް ކުރަން ހުރިކަން ވިސްނެނީ އެވެ. ސްކޫލްގައި އޮންނަ އިތުރު ހަރަކާތްތަކުގައި ކޮންމެވެސް ވަރަކަށް ބައިވެރިވިޔަސް ރާވާލައިގެން ކަންތައްތައް ކުރާނަމަ ރަނގަޅު މާކްސް ހޯދުމުގައި ކުދިންނަށް ދަތިތަކެއް ކުރިމައްޗެއް ނުވާނެ އެވެ. ފަހަރެއްގައި ގޭގައި އުޅޭ ވަގުތު ކުރަން ކަނޑައަޅާފައިވާ ބައެއް ކަންތައްތައް ބައެއް ހާލަތުތަކުގައި މަދުކުރަން ޖެހިދާނެ އެވެ.



އަަރާމުކުރާނެ ވަގުތު ދިނުން



ކުދިންނަށް އަރާމުކުރުމަށް ގިނަ ވަގުތު ދެވޭތޯ ބަލާށެވެ. ކިޔަވާ އުމުރުގެ ކުދިންގެ ތެރެއިން ގިނަ ކުދިންނަކީ އެކުދިންނަށް އެކަށީގެންވާ ވަރަށް ނިދި ނުލިބޭ ކުދިންނެވެ. ރޭގަނޑު އެންމެ މަދުވެގެން ވެސް އަށް ގަޑިއިރުގެ ނިދި ކުދިންނަށް ބޭނުންވެ އެވެ. ސްކޫލަށް ކިޔަވަން ދާ ދުވަސްތަކުގައި ނިދި މަދުވާ ތަންކޮޅަށް ހަފުތާ ބަންދުގައި ނިދާލައިގެން ހަމަަޖެއްސޭނެކަމަށް ހީކުރާ ހީކުރުން ބަދަލުކުރާށެވެ. ކޮންމެ ދުވަހަކު ވެސް އެ ދުވަހަކަށް ބޭނުންވާ ނިދި ނިދާން ޖެހޭނެ އެވެ. ބަންދު ދުވަހަކު މުޅި ދުވާލު ހަތަރުދަމު ނިދިޔަސް އެތަން ފުލެއް ނުބެއްދޭނެ އެވެ. ސްކޫލްގައި ރަނގަޅަށް ފިލާވަޅުތައް ހެދުމަށް އެކަށީގެންވާ ނިންޖާއި އަރާމު ފުރިހަމަވުމަކީ މުހިއްމު ކަމެކެވެ.



ފައިދާހުރި ކާނާ ދިނުން



ކެއުމުގައި ހަށިގަނޑަށް ބޭނުންވާ ތަފާތު ހުރިހާ މާއްދާތަކެއް އެކުލެވޭ ކެއުންތައް ކުދިންނަށް ކޮންމެ ދުވަހަކުހެން ކާންދޭންޖެހެ އެވެ. ހަށިގަނޑަށް ފައިދާ ނުކުރާ ކާނާ ދިނުމުންނާއި ކާ ގަޑިގަޑީގައި ކާންނުދީ ބަހައްޓާނަމަ ހަމަ ނިދި ނުލިބުމުން ހަށިގަނޑަށް ލިބޭ ކަންނެއްކަމާއި ވަރުބަލިކަން ފަދަ ކަންތައްތައް ކުއްޖާ އަށް ކުރިމަތިވާނެ އެވެ. އެގޮތުން ހެނދުނުގެ ސަޔަކީ ކުއްޖާ އަށް އެންމެ މުހިއްމު ނާސްތާކަން ގަބޫލު ކުރާށެވެ. އަދި ވީވަރަކުން ފާސްޓް ފުޑް ދިނުމާ ދުރުހެލިވާށެވެ. ސްކޫލުން އައުމަށް ފަހު ވެސް ކާނެ ސިއްހަތަށް ފައިދާހުރި ކާނާ ކުދިންނަށް ލިބޭ ހިސާބުތައް އަބަދުވެސް ބަހައްޓާށެވެ. އެގޮތުން މޭވާ އާއި ރޮލަށް ކެވޭ ތަރުކާރީ، ޗީޒް، ޕޮޕްކޯން ފަދަ ތަކެތި ހިމެނެ އެވެ. އަދި ސޮފްޓް ޑްރިންކްތައް ވީވަރަކުން ނުދީ ވޭތޯ ބަލާށެވެ. އަދި ހަކުރު ވެސް މާގިނައިން ބޭނުން ކުރިޔަ ދިނުން ރަނގަޅެއް ނޫނެވެ. ސަބަބަކީ ހަކުރު ގިނައިން ބޭނުން ކުރުމުން ހަށިގަނޑަށް ލޮޑުކަން އިހްސާސް ކުރެވޭ ގޮތް ވެދާނެތީ އެވެ. 



ސްކޫލަށް ބޭނުންވާ ތަކެތި ހަމަކުރުން



ކުދިންނަށް ބޭނުންވާ ފޮތް، ފޮންސުރު، ގަލަން، ތެރަސްފުޅި ފަދަ އާދައިގެ ތަކެތި އަބަދުވެސް ހަމަޔަށް ހުރޭތޯ ޗެކް ކުރާށެވެ. އެންމެ ފަހު ވަގުތު މިފަދަ އެއްޗެއް ނެތިގެން ވެސް ކުއްޖާ މޫޑު ގޯސްވެ ފިލާވަޅުތައް ހަދަން ޖެހޭ ފެންވަރަށް ނުހެދިދާނެ އެވެ. 



ހޯމްވޯކް ހެދިތޯ ޗެކްކުރުން



ހޯމްވޯކް އަކީ ކޮންމެ ދުވަހަކު ވެސް ހަދަން ޖެހޭ އެއްޗެއްގެ ގޮތުގައި ބާއްވާށެވެ. ހޯމްވޯކް ނުހަދާ މަދު ފަހަރަކު ވެސް ބޭއްވިއްޖެ ނަމަ އެއީ ކުއްޖާގެ ރަނގަޅު މާކްސް އެވްރެޖްކޮށް ދަށްވުމަށް މެދުވެރިވެދާނެ ކަމެކެވެ. ހޯމްވޯކް ހަދަން ވަކި ގަޑިއެއް ކަނޑައަޅާފައިވާ ބާއްވާށެވެ. އަދި އެ ގަޑިއަކީ އެއްވެސް އިތުރު އުނދަގުލެއް ނެތް ހަމަހިމޭން މާހައުލެއްގައި ކުއްޖާ ހޭދަކުރާ ވަގުތަކަށް ހަދާށެވެ. ހޯމްވޯކް ހަދާ ގަޑިއަކަށް އެންމެ ރަނގަޅު ވަގުތަކީ ކުއްޖާ ސްކޫލުން އައިސް ފެންވަރާ، ހެދުން ބަދަލުކޮށް އެއްޗެއް ކާލައި ހަމަޖެހިލައިގެން ހޯމްވޯކް ހަދަން ފެށޭނެ ގަޑިއަކަށް ހެދުން ރަނގަޅެވެ. ސަބަބަކީ އޭރު އަދި ސްކޫލްގައި ކިޔަވައިދިން އެއްޗެހި ކުއްޖާގެ ސިކުނޑީގައި ތާޒާކަމާއެކު ހަރުލާފައި ހުންނާނެ އެވެ.
ގިނަގިނައިން ހިތްވަރުދިނުން



ކުއްޖާ އަށް ހިތްވަރުދިނުމުގެ ބަސްތައް ބުނުން އިތުރު ކުރާށެވެ. ހާއްސަކޮށް ވަކި މާއްދާއެއް ކުއްޖާ އަށް އުނދަގޫ ނަމަ އެވެ. އެ މާއްދާއަކީ އެ ކުއްޖާ ނޫނަސް ކިތަންމެ ބަޔަކަށް އުނދަގޫ މާއްދާއެއްކަން ވިސްނައިދޭށެވެ. އެ މާއްދާ ކުއްޖާ އަށް ކިޔަވަން އުނދަގޫވުމުގެ މާނައަކީ ކުއްޖާއަކީ ދަށް ކުއްޖެއް ކަމަށް ގަބޫލު ނުކުރުމަށް ހިތްވަރު ދޭށެވެ. އޭނާ އަށް ލިބޭ ކިތަންމެ ކުޑަ ނަމަވެސް ކޮންމެ ކާމިޔާބަކަށް ވެސް ތައުރީފުކޮށް ހިތްވަރު ދިނުމުގެ ބަސްތައް ބުނާށެވެ. ބައެއް ފިލާވަޅުތަކުގައި އެހީތެރިކަން ފޯރުކޮށްދެވޭ މިންވަރަކުން އެހީތެރިކަން ވެސް ފޯރުކޮށްދެވިދާނެ އެވެ. ނުވަތަ ކިޔަވައިދޭ މީހެއްގެ އެހީ ވެސް ހޯދިދާނެ އެވެ. ނަމަވެސް ކުއްޖާ މިފަދަ އެހީއެއް ބޭނުން ނޫންކަމަށް ބުނާނަމަ ގަދަކަމުން އެހީތެރިވާން މަސައްކަތް ނުކުރާށެވެ. ބައެއް ފަހަރަށް އެކަނި ބުރަ މަސައްކަތް ކޮށްގެން ހޯދޭ ކާމިޔާބަކީ އެ ކުއްޖެއްގެ ހިތަށް މާ ބޮޑު އުފާވެރިކަމެއް ލިބޭ ކާމިޔާބަކަށް ވެއެވެ. 
ތަޖުރިބާ ހިއްސާ ކުރުން



މައިންބަފައިންނާއި ދަރިންނާ ދޭތެރޭ ވާހަކަތައް ހިއްސާ ކުރުމުގެ ދޮރު ހުޅުވާފައި ބަހައްޓާށެވެ. މައިންބަފައިން ކައިރީގައި ކުއްޖާ ނުދައްކާ ފޮރުވާނެ އެއްވެސް ވާހަކައެއް ނުބޭއްވުމަށް ވީވަރަކުން މަސައްކަތް ކުރާށެވެ. އެއީ ގަދަކަމުން ކުއްޖާ ލައްވާ ވާހަކަ ދައްކުވައިގެންނެއް ނޫނެވެ. މައިންބަފައިންނަކީ ކުއްޖާގެ ރަހުމަތްތެރިން ކަމަށް އޭނާގެ ތުއްތު ސިކުނޑި އަށް ގަބޫލު ކުރުވައިގެންނެވެ. ކޮންމެ ދުވަހަކު ވެސް ކުއްޖާ ދައްކާ ވާހަކަތައް އަޑުއަހަން ވަގުތު ހޯދާށެވެ. އަދި އޭނާ ވާހަކަ ދައްކަމުން ދާ އިރު އެ ވާހަކަތަކަށް ފާޑު ނުކިޔާށެވެ. އޭނާގެ ހިތުގައިވާ ހުރިހާ އެއްޗެއް ހާމަކޮށްލަން ފުރުސަތުދީ އެ ވާހަކަތައް ކަނުލާ އަޑުއަހާށެވެ.



ސްކޫލްގައި ކުއްޖާ އަށް ތަޖުރިބާ ކުރެވުނު އެކި އެކި ކަންތައްތައް ކިޔައިދިނުމަށް ހިތްވަރު ދޭށެވެ. ޓީޗަރާއި ކުއްޖާއާ ދެމެދު ދެކެވުނު ވާހަކަތަކާއި ކްލާހުގެ އެހެން ކުދިންނާއި ކުއްޖާއާ ދެމެދު ހިނގި އެކި ހާދިސާތައް ކުއްޖާގެ ދުލުން ކިޔައިދޭ އަޑު އަހާށެވެ. ކުއްޖާ އަށް ކުލާހުގައި އެއްވެސް މައްސަލައެއް ކުރިމަތިވާނަމަ ވަރަށް ސާފުކޮށް އެކަމެއް އޭރުން އޮންނާނީ މައިންބަފައިންނަށް އޮޅުން ފިލާފަ އެވެ. އަދި މިފަދަ މައްސަލަތައް ހައްލުކުރުމުގައި ކުއްޖާ އަށް އެހީތެރިވެވިދާނެ ގޮތްތައް ވެސް އޭރުން އެނގޭނެ އެވެ. 



ކުލާހުގައި ކުއްޖާ އަށް އެއްވެސް މައްސަލައެއް ކުރިމަތިވާނަމަ އެކަމެއްގެ ވާހަކަ ކުލާހުގެ ޓީޗަރާ މަޝްވަރާ ކުރެވިދާނެ އެވެ. ނަމަވެސް ކުއްޖާ ކުރިމަތީގައި ބަހައްޓައިގެން އެ ވާހަކަތައް ޓީޗަރަށް ކިޔައިދިނުން ރަނގަޅެއް ނޫނެވެ. 



ކުއްޖާއާ ދޭތެރޭ ކުރާ އުންމީދުތައް ހަގީގަތާ އެއްގޮތަށް ބަހައްޓާށެވެ. ދަރިފުޅު ސްކޫލްގައި ރަނގަޅު މަތީ ވަނަތަކެއް ހޯދުމަށް އުންމީދު ކުރުމަކީ ކޮންމެ މީހަކުވެސް ކުރާނެ ކަމެކެވެ. ނަމަވެސް އެކި ކުދިންގެ ވިސްނުމާއި ގާބިލިއްޔަތު ހުންނާނީ އެކި ފެންވަރަށް ކަން ގަބޫލު ކުރާށެވެ. އަދި އެހެން މީހުންނާ މުޚާތަބް ކުރުމުގައި ކުއްޖާ މަޑުމައިތިރިކަމާއި ރީތި ބަހުން ވާހަކަ ދެއްކުމަށް ބާރު އަޅާށެވެ. އަދި ހަދާ ހުރިހާ ޕޭޕަރުތަކުން "އޭ" ގްރޭޑް ލިބޭނެކަމަށް އުންމީދު ނުކުރާށެވެ. ކުއްޖާ މާޔޫސްވެ ދެރަވެ ކިޔެވުމަށް ފޫހިވާ ފަދަ ކަމެއް ދިމާ ނުވެވޭތޯ ބެލުމަށްޓަކައި އޭނާ އަށް އަބަދުވެސް ކުރިއަށް ދާންވީ މަގު ދައްކާށެވެ. އަދި އޭނާގެ އަމާޒަށް ވާސިލުވުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ހިތްވަރު ދޭށެވެ. 



ތެދުވެރި ބަޔަކަށްވުން


ކުދިންނަށް ތެދުވެރި ބަޔަކަށް މައިންބަފައިން ވާށެވެ. މައިންބަފައިން ކިޔެވި ދުވަސްވަރު ހޯދި ކާމިޔާބީތައް ކުދިންނަށް ކިޔައިދޭ އިރު އެމީހުންނަށް ދިމާވި ނާކާމިޔާބީތައް ވެސް ކިޔައިދޭށެވެ. އަދި އެކަމުން ސަލާމަތްވުމަށް އެމީހުން ކުރި މަސައްކަތް ވެސް ކިޔައިދޭށެވެ. އޭރުން ކުދިންނަށް އެ ވާހަކަތަކުން ވެސް އިތުރު ހިތްވަރު ލިބޭނެ އެވެ.

No comments:

Post a Comment